ނިމިދިޔަ ސަރުކާރުން ޚާރިހީ ސިޔާސަތު ބައްޓަން ކޮށްފައިވަނީ ދުނިޔެއާއި އެކަހެރި ގޮތަކަށް ކަމަށްބުނެ ދައްކަވަމުންދާ ވާހަކަތަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ރައްދު ދެއްވައިފިއެވެ.
ނިމިދިޔަ ވެރިކަމުގެ ދައުރުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތް ގޮތާއި ގުޅޭގޮތުން ދައްކަވަމުންދާ ވާހަތަކަށް ރައްދު ދެއްވައި ޗެނަލް-13ގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރީ ޤައުމަށް އެނެމްފައިދާ ކުރަނަވި ގޮތަށްކަމުގައެވެ. ކޮންމެ ޤައުމަކާއިއެކުގައިވެސް ގުޅުން ގާއިމް ކުރުމުގައި އެންމެ ފުރަތަމަވެސް ބެލީ ރާއްޖޭގެ ތަރައްޤީއާއި، ރާއްޖޭގެ ކުރިއެރުމަށް ގުޅުމުން އަންނާނެ ބަދަލުތަކަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ޗައިނާއާއި ގާތް ގުޅުން އޮތްކަމަށް ދެކެވޭ ވާހަތަކުގެ ހަގީގަތް މިއަދުވެސް ފެންނަން ހުންނާނެކަމަށެވެ. ޗައިނާއާއި ގުޅުން ރަނގަޅުވި މައިގަނޑު ސަބަބަކީ ރާއްޖެއާއި ޗައިނާގެ ސިޔާސީ ގުޅުންވެސް އަދި އެހެން ގުޅުންތައްވެސް އެއްގޮތް ވެގެން ނޫންކަމަށާއި، އެހެން ޤައުމުތަކަށްވުރެ ފަސޭހައިން ލޯނު ލިބުމާއި، ތަރައްޤީގެ ކަންކަންކަމަށް އިޖާބަ ދިނުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ޗައިނާއާއި އޭރު އޮތް ގުޅުމުން ރާއްޖެއަށް ލިބިފައިވާ ތަރައްޤީއާއި، އަދި އޭރު ނެގި ލޯނުތަކާއިމެދު އެއްވެސް ވަރަކަށް ވެރިކަމުގައި ހުންނަވައިގެންވެސް އެ ނުދެއްކިދާނެކަމުގެ ހާސްކަމެއް ނެތްކަމަށާއި، ލޯނުތައް ދީފައިވަނީ ވަރަށް ކުޑަ އިންޓަރެސްޓުގައި ސަރުކާރަށް ފަސޭހައިން ދެއްކޭނެ ގޮތަކަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ހުޅަނގުގެ ޤައުމުތަކާއި ގުޅުން ބީރައްޓިހި ވާންޖެހުނީ ސަބަބުތަކެއް އޮތުމުންކަމަށެވެ. ޚާއްސަކޮށް އެޤައުމުތަކަކީ ތަރައްޤީއަށް މާބޮޑަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ބަދަލުގައި، އިންސާނީ ހައްގުތަކުގެ ނަމުގައި އެހެން ކަންތައްތަކެއް ހާސިލް ކުރަން މަސައްކަތް ކުރަން ބޭނުންވާ ބައެއްކަމަށެވެ. އެގޮތުން މަރުގެ ހުކުމް ތަންފީޒު ކުރަން ދެކޮޅު ހެދުމާއި، ރާއްޖޭގައިވެސް އެހެން ދީތަކަށް ޖާގަ ދިނުމަށް އެތައް ސަފީރަކު ވަޑައިގެން ވާހަކަ ދެއްކި ކަމަށާއި، ނަމަވެސް އެޖާގަ އެއްވެސް ބަޔަކަށް ދީފައި ނުވާނެކަމަށެވެ.
ޔޫރަޕްގެ އެންމެ ބޮޑު މައްސަލައަކަށްވީ މަރުގެ ހުކުމް ތަންފީޒު ކުރަން ދެކޮޅު ހެދުމާއި، އެހެން ދީންތަކަށް ޖާގަދޭން ދެކޮޅު ހެދުން. މިކަމުގައި ޔޫރަޕިއަން ޔޫނިއަން ސަފީރުންނާއި، ބޮޑެތި ބާރުތަކުން ނުފޫޒު ފޯރުވި، ނަމަވެސް އެޖާގަ ނުދިނިން.
– ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މިއަދު ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ ދިވެހިންނަށް ސިޔާސަތުން އެއްވެސް ފައިދާއެއް ނުކުރާނެ ގޮތަކަށް ކަމަށެވެ. ޚާއްސަކޮށް އިންޑިއާއާއެކު މިއަދު އޮތް ގުޅުމަކީ ކޮންމެ ދިވެހި ރައްޔިތަކުވެސް ކަންބޮޑުވާ ހިސާބުގައި އޮތް ގުޅުމެއް ކަމަށެވެ. ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވާ ޤައުމަކީ ރާއްޖޭގައި ވަޒަންވެރިވެ، އަސްކަރީ ބާރުތައް ޤައުމުގައި ބޭތިއްވުމަށް ބާރު އަޅާ ގައުމަކަށް ވެގެން ނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނުގެ 5 އަހަރުގެ ދައުރު ނިންމާލީވެސް އެފަދަ އެއްވެސް ނުފޫޒަކަށް ޖާގަނުދީ ގެންނަން ބޭނުންވި ތަރައްޤީ ހާސިލް ކޮށްފައިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ