މާލެ ކުޑަ ސިޓީއަކުން ޖަޒީރާ މެގަރ ސިޓީއަކަށް ބަދަލުކުރުމަށް އިސްލާހު ހުށަހަޅަން ގަސްތު ކުރައްވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ މިފަދައިން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް، މާބޮޑެތި މަސައްކަތްތަކެެއް ނުކުރެވި ވަނިކޮށް ހުޅުމާލެއިން ގޯތި ތަކެއް ވިއްކުމަށް ނިންމުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލާއި، އެޗްޑީސީއާއި ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމާއި ގުޅިގެންނެވެ. ބޮންޑޭ ވިދާޅުވީ ގުޅީފަޅުން ގޯތި ދޫކުރުމުގެ ކުރީން އިދާރީ ދާއިރާއަށް ބަދަލު ގެނެސް މާލެ އަތޮޅުން އަލުން ހިއްކާ ބިންކޮޅު ލިބޭ ފަރާތްތަކަށް ގާނޫނޫނީ ރައްކާތެރިކަން ހޯދައި ދޭންޖެހޭކަމަށެވެ.
ގުޅީފަޅުން ގޯތި ދޫކުރުމުގެ ކުރީން އިދާރީ ދާއިރާއަށް ބަދަލު ގެނެސް މާލެ އަތޮޅުން އަލުން ހިއްކާ ބިންކޮޅު ލިބޭ ފަރާތްތަކަށް ގާނޫނޫނީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި މާލެ ކުޑަ ސިޓީއަކުން ޖަޒީރާ މެގަރ ސިޓީއަކަށް ބަދަލުކުރުމަށް އިސްލާހު ހުށަހަޅަން ގަސްތުކުރަމެވެ.
– ބޮންޑޭ ވިދާޅުވީ
ބޮންޑޭ ވިދާޅުވީ އެޗްޑީސީގެ ތަޅުދަނޑި މާލެ ސިޓީ ކައުންސިލަށް ދޭން ނުޖެހޭކަމަށެވެ. މާލެ ސިޓީގައި މިހާރުވެސް ދޭންޖެހޭ މުނިސިޕަލް ޚިދުމަތް ނުދެވި އުޅެނިކޮށް، އެހެން މަސައްކަތްތަކާއި އުޅުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ނޫންކަމަށެވެ. ޚާއްސަކޮށް މާލެ ތެރޭގައި އޮތް ޑްރަގުގެ މައްސަލަ ހައްލު ކުރުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރަންޖެހޭކަމަށް ބޮންޑޭ ވިދާޅުވިްއެވެ.
އެޗްޑީސީ ތިޖޫރީގެ ތަޅުދަނޑިފަތި އަތުލުމަކީ މުނިސިޕަލް ކައުންސިލް މަސައްކަތެއް ނޫނެވެ! ޑްރަގް ކެފޭ ސަރަހައްދުތަކުގައި ސީސީޓީވީ ހަރުކުރުމާއި މާލޭ ސަރަހައްދުން ފޭރުމާއި ވައްކަން ހުއްޓުވާން ފުލުހުންނާއި ގުޅިގެން މާލެތެރެ ބެލެހެއްޓުމަކީ މާލޭ މުނިސިޕަލް ކައުންސިލްގެ މަސައްކަތެވެ!
– ބޮންޑޭ ވިދާޅުވިއެވެ.
ރާއްޖޭގެ ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ސަރުކާރުން ވަނީ 1.5 ބިލިޔަން ރުފިޔާގެ ހައުސިން މަޝްރޫޢޫތަކެއް ކުރިއަށްގެންދިޔުމަށް ނިންމާފައެވެ. އަދި އަންނަ އަހަރަށް ދަޢުލަތުން ހުށައެޅީ ބަޖެޓުގައި ވަނީ ނޭޝަނަލް ސޯޝަލް ހައުސިން މަޝްރޫޢުއަށް 449 މިލިޔަން ރުފިޔާ ޚަރަދު ކުރުމަށް ކަނޑައަޅާފައެވެ. މީގެ އިތުރުން އެފޯޑަބަލް ހައުސިން މަޝްރޫޢޫއަށް 57 މިލިޔަން ރުފިޔާ ކަނޑައަޅާ 94 މިލިޔަން ރުފިޔާ އެކި އަތޮޅުތަކުގައި ހައުސިން މަޝްރޫޢުތައް ގެންދިޔުމަށް ބަޖެޓުގައި ވަނީ ކަނޑައަޅަފައެވެ.