މަޖިލީހުގެ މަސައްކަތުގެ އަމާޒަކަށް ހަދާނީ، ދާއިރާގެ ރައްޔިތުންނަށް ފަހި ފާގަތި ދިރިއުޅެއް ހޯދާދިނުންކަމުގައި، ހުސްވެފައިވާ ށ. ކޮމަންޑޫ ދާއިރާގެ ބައި އިކެކްޝަންގައި އެމްއެންޕީގެ ޓިކެޓުގައި ވާއްދަކުރައްވާ އަބުދުލް ހަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އެންމެ ފަހުން އުފެދުނު ސިޔާސީ ޕާޓީ ކަމުގައިވާ، އެމްއެންޕީގެ އިލެކްޓޯރަލް ޓިކެޓް ށ. ކޮމަންޑުއަށް އުފަން، ތައުލީމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވާފައިވާ ހަންނާންއާއި ހަވާލުކުރުމަށް މިރޭ އެމްއެންޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައިވަނީ، މަޖިލީހަށް އިންތިޚާބުވުމަށް އޭނާ ގަދައަޅާ މަސައްކަތް ކުރައްވާނެ ކަމަށާއި، އަދި މި މަސައްކަތުގައި އެންއެންޕީގެ އެއްބާރުލުން އެންމެ ފުރިހަމަ ގޮތުގައި އޭނާއަށް ލިބިގެންދާނެ ކަމުގެ ޔަގީކަން އޮތް ކަމުގައެވެ.
އަދި ވިދާޅުވީ، މަޖިލީހަށް އިންތިޚާބުވުމަށް ކުރައްވާ ކެމްޕޭނުގައި ތަފާތު ފަންނުތަކުގެ ތަޖުރިބާކާރުންގެ އެހީތެރިކަންވެސް އޭނާއަށް ލިބިގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމުގައެވެ.
ހަންނާގެ އާއިލާގެ ބޭފުޅުންވެސް ބައިވެރިވި، ޓިކެޓް ހަވާލުކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަންނާން ވިދާޅުވީ، ދާއިރާގެ ރައްޔިތުން އޭނާ މަޖިލީހަށް އިންތުޚާބު ކޮށްދެއްވައިފިނަމަ، ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރައްވާ، ނަތިޖާ ހާސިލް ކުރައްވާނެ ކަމުގައެވެ. އަދި އޭނާއަށް ދާއިރާގެ ރައްޔިތުންގެ އަޑު އަހަން ކެރޭނެ ކަމަށާއި، ސަރުކާރުގެ އިދާރާތަކާއި ހަމައަށް ރައްޔިތުންގެ އަޑު އޭނާ އުފުއްލަވާ ދެއްވާނޭކަމަށްވެސް މިޖަލްސާގައި ހަންނާނެ ވައުދުވެވަޑައިގަތެވެ. އަދި ވިދާޅުވީ، އޭނާއަކީ ކުރާ ކޮންމެ ކަމެއްވެސް ފަސްޖެހުމެއް ނެތި، ނަތީޖާ ހާސިލްކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި، އޭނާއަކީ ތަފާތު ފިކުރުގެ މީހުންނާއެކީ އެއް އަމާޒަކަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމުގައެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަމުން ހަންނާން ވަނީ، އެދާއިރާގެ ކުރީގެ މެމްބަރު އަލްމަރުހޫމް ހުސެއިން ވަހީދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، އޭނާގެ ފުރާނަފުޅަށް ސުވަރުގޭ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައެވެ.
ހަންނާނަކީ 1987 ވަނަ އަހަރުން ފެށިގެން 2019ވަނަ އަހަރާހަމައަށް، ދިގު މުއްދަތެއް ވަންދެން ތައުލީމީ ދާއިރާއަށް އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން ތައުލީމީ ދާއިރާގައި އޭނާ ޚިދުމަތް ކުރެއްވި މުއްދަތުގެ ތެރޭގައި، ގިނަ ސްކޫލްތަކެއްގެ ޕްރިންސިޕަލްކަން އޭނާވަނީ ކުރައްވާފައެވެ. އޭގެ ތެރޭގައި ހދ. ހަނިމާދޫ ސްކޫލް، ރ. އިނގުރައިދޫ ސްކޫލް، ށ. އަތޮޅު ތަޢުލީމީ މަރުކަޒު، ނ. މާފަރު ސްކޫލްގެ އިތުރުން ރ. ހުޅުދުއްފާރު ސްކޫލްގެ ޕްރިންސިޕަލްކަންވެސް އޭނާ ކުރައްވާފައި ވެއެވެ.
މީގެ އިތުރުން، ޕްރައިމަރީ ސްކޫލް ޓީޗަރުކަމާއި ސުޕަރވައިޒަރުކަމުގެ އިތުރުން ހެޑްމާރސްޓަރކަމުގެ މަގާމްވެސް ތައުލީމީ ދާއިރާގައި ޚިދުމަތް ކުރެއްވި މުއްދަތުގައި އޭނާވަނީ އަދާ ކުރައްވާފައެވެ. 2013ވަނަ އަހަރުން 2019ވަނަ އަހަރުގެ ނިޔަލަށް އޭނާވަނީ ވިލާ ކޮލެޖްގެ ޝަރިއްޔާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރު ކަމުގެ މަގާމުވެސް ފުރުއްވާފައެވެ.
ކޮމެންޓު ފޮނުވާ