ޅ.މަޑިވަރު އެއަރޕޯޓްގެ ބާނީއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިހެން ވިދާޅުވެފައިމިވަނީ މިއަދު މަޑިވަރު އެއަރޕޯޓަށް ކާމިޔާބުކަމާއެކު ޓެސްޓް ފްލައިޓް ޖެއްސުމާއި ގުޅިގެންނެވެ. ޝުޖާޢު ވަނީ، މަޑިވަރު އެއަރޕޯޓުގެ ބާނީ އަކީ ރައީސް ޔާމީންކަމަށް ވިދާޅުވެ ރައީސް ޔާމީނަށާއި، އެއަތޮޅުގެ ރަށްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވަނީ އެމްޑީޕީން އޭރު ކުރި ޖެއްސުމަށް އިންޗިއެއްވެސް ފަހަތައް ނުޖެހި އެއަރޕޯޓް އެޅުމަށް ރައީސް ޔާމީނާއެކު މެންބަރު ޝިޔާމް މަސައްކަތްކުރެއްވިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
މަޑިވަރު އެއަރޕޯޓުގެ ބާނީ އަކީ ރައީސް ޔާމީން.ޝުކުރިއްޔާ ރ.ޔާމީން.މަރުޙަބާ ޅ.އަތޮޅު ރައްޔިތުންނަށް.@MDPSecretariat އާއި ރައީސް @ibusolih ކުރި ޖެއްސުމަށް އިންޗިއެއްވެސް ފަހަތައް ނުޖެހި އެއަރޕޯޓް އެޅުމަށް ރައީސް ޔާމީން އާއި އެކު އެމް.ޕީ @Shiyamaldives ކުރެއްވި ޖިހާދަށް ޝުކުރިއްޔާ. pic.twitter.com/nABcJIQgsT
— Ibrahim Shujau (@IbrahimShujaau) December 25, 2021
ޅ. މަޑިވަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖެއްސީ މިއަދު ހެނދުނު 09:50 ހާއިރުއެވެ.
ފުރަތަމަ ފްލައިޓްގައި މަޑިވަރަށް ދިޔަ ފަރާތްތަކަށް ވަނީ އެ އެއަރޕޯޓުން ހޫނު މަރުހަބާއެއް ކިޔާފައެވެ. މިގޮތުން ޓެސްޓް ފްލައިޓަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި، ފްލައިޓުގެ ކްރޫއާއި، ޓެކްނިކަލް ޓީމުގެ ބޭފުޅުންނަށް އެއަރޕޯޓުން ރަސްމީކޮށް މަރުހަބާ ކިޔާފައިވަނީ، ކުރެއްދޫ ހޯލްޑިންގްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗަމްޕާ ބްރަދާސްގެ ޗެއަރމަން މުޙައްމަދު މޫސާ (އުއްޗު)އެވެ. މުޙައްމަދު މޫސާގެ އަރިހުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މަޑިވަރު އެއަރޕޯޓަކީ ދިވެހި އަމިއްލަ ކުންފުންޏެއްކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއިން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.
މިކަމުގެ އެއްބަސްވުމުގައި އެކުންފުންޏާއެކު ސަރުކާރުން ސޮއިކޮށްފައިވަނީ 29 މެއި 2018 ގައެވެ. މި އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީންނެވެ. ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުން ބީ.ޔޫ.ސީ.ޖީއާއި މި މަސައްކަތް ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 17 ސެޕްޓެމްބަރު 2018 ގައެވެ.
މި މަޝްރޫޢުގެ ދަށުން މަޑިވަރުގައި 1200 މީޓަރުގެ ރަންވޭއަކާއި، އެއަރކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި، ފަޔަރ ބިލްޑިންގއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓަރމިނަލެެއް ވަނީ ތަރައްޤީކޮށްފައެވެ. މަޑިވަރު އެއަރޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ކާމިޔާބުކަމާއެކު ޖައްސާފައިވާއިރު، އެއަރޕޯޓް އޮޕަރޭޝަނަށް ގެނައުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ކުރެއްދޫ ހޯލްޑިންގްސްއިން ދަނީ ވަމުންނެވެ.
އެގޮތުން އެއަރޕޯޓުގެ ޓަރމިނަލް އިމާރާތާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އެކަމަޑޭޝަން ބްލޮކުގެ މަސައްކަތް ނިންމާ، ގްރައުންޑް ހޭންޑްލިންގއަށް ބޭނުންވާ ސާމާނު ގެންގޮސް ވަނީ އިންސްޓޯލްކޮށް ނިމިފައެވެ. އަދި އެއަރޕޯޓް ހިންގާނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.
ޅ. އަތޮޅުގައި މީހުން ދިރިއުޅޭ 4 ރަށް އޮންނައިރު، 13،000 އަށްވުރެ ބޮޑު އާބާދީއެއް އެ އަތޮޅުގައި އޮވެއެވެ.
ކޮމެންޓު ފޮނުވާ