އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިރުރަށް ގޯސްވެ، ޗައިނާގެ އުއިހޫރު މުސްލިމް ދަރިކޮޅާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ހިންގާ އިންސާނިއްޔާތާ ޚިލާފު ޖަރީމާތައް ކުށްވެރި ކުރުމުގެ ގޮތުން، ޗައިނާގެ ޒިންގޖިއާން ސަރަހައްދުގައި އުފައްދާ ތަކެތި އެމެރިކާއަށް އެތެރެ ކުރުން މަނާ ކުރުމުގެ ގާނޫނުގައި އެމެރިކާގެ ރައީސް ޖޯ ބައިޑްން ސޮއި ކުރައްފައިފިއެވެ.
މިމަހުކޮޅު ކުރީކޮޅު، މި ގާނޫނު ފާސްކުރުމަށް އެމެރިކާގެ ކޮންގެސްގެ ހައުސް އޮފް ރެޕްރެސެންޓޭޓިވްސްއިންނާއި އަދި ސެނެޓުންވެސް ވޯޓު ދީފައިވަނީ ސާފު މެޖޯރިޓީއާއެކީއެވެ.
މި ގާނޫނުން ވަނީ ޗައިނާގެ ޒިންގޖިއާން ސަރަހައްދުގައި އުފައްދާ ހުރިހާ އެއްޗެއްވެސް އެމެރިކާއަށް އެތެރެކުރުމުގެ ކުރިން، އެތެރެކުރާ އެތި އުފައްދާފައިވަނީ، މަޖުބޫރުން މީހުންލައްވާ މަސައްކަތް ކުރުވައިގެން (ފޯރސްޑް ލޭބަރ) ނޫންކަން ސަޕްލަޔަރު ޔަގީން ކޮށްދޭން ޖެހޭނެއެވެ.
ޗައިނާގެ ޒިންގޖިއާންއަކީ ގިނަ އަދަދެއްގެ ކަފައާއި އަދި ސޯލާރޕެނަލް އުފައްދާ ސަރަހައްދެކެވެ.
އދ.ގެ ތަޖުރިބާކާރުންނާއި އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގުރޫޕްތަކުން ތުހުމަތު ކުރާގޮތުގައި ޗައިނާގެ މިލިއަނެއްހާ ރައްޔިތުން، މައިގަޑު ގޮތެއްގައި އުއިހޫރު ދަރިކޮޅަށް ނިސްބަތްވާ މުސްލިމުންނާއި އަދިވެސް ބައިދު މުސްލިމް ދަރިކޮޅުތަކަށް ނިސްބަތްވާ މީހުންނާއި ދެކޮޅަށް ޗައިނާ ސަރުކާރުން އިންސާނިއްޔަތާ ޚިލާފު ބޮޑު ޖަރީމާތައް ހިންގާ އަދި އެމީހުންވަނީ ޒިންގޖިއާންގެ ކޭމްޕްތަކުގައި ހައްޔަރު ކޮށްފައެވެ.
އެމެރިކާގެ އިތުރުން، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ ޖަމަމާއަތްތަކުން ދަނީ މިއީ ގަތުލުއާންމެއްގެ ގޮތުގައި ސިފަކުރަމުންނެވެ.
"އެއީ ވަރަށް ނުރައްކާތެރި ހާލަތެއް، އަހަރެމެންނަށް އެނގިފައިވާ ގޮތުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީވަނީ މިމީހުންނާ ދެކޮޅަށް ދަތިކުރުމުގެ ބޮޑެތި ފިޔަވަޅުތަކެއް އަޅާފަ،" ރިޕަބްލިކަން ޕާޓީގެ ފަރާތުން މި ބިލް ސްޕޮންސަރ ކުރުމުގައި އިސްކޮށް އުޅުއްވި، ސެނެޓަރ މާކޯ ރޫބިއޯ ވިދާޅުވެފައި ވެއެވެ.
ޗައިނާއިންވަނީ، ޒިންގޖިއާންގައި ހިނގާކަމަށް ގައުމުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ކުރަމުންދާ ތުހުމަތުތަކަށް ދެކޮޅު ހަދާފައެވެ. އެގައުމުން ބުނެފައިވަނީ "އުއިހޫރުގެ މުސްލިމުންނާއި އަދި އެނޫނަސް، ދުރު ހުޅަނގު ސަރަހައްދުތަކުގައި ދިރި އުޅެމުންދާ ބައިމަދު ދަރިކޮޅުތަކުގެ މީހުންގެ ދިރިއުޅުމުގެ ހާލަތާ ގުޅޭގޮތުން" ދޮގު ވާހަކަތައް ފަތުރާ، އިތުބާރު ނުހިފެ މައުލޫމާތު ފަތުރަމުން ދާކަމުގައެވެ.
ބައިޑްން ސޮއި ކުރައްވާފައިވާ ގާނޫނުގައިވާ ގޮތުން، ޒިންގޖިއާންގައި މަޖުބޫރުން މީހުންލައްވާ މަސައްކަތް ކުރުވުމުގައި އެހީތެރިވެދޭ ކަމަށް އެމެރިކާގެ ސަރުކާރަށް ފެނިއްޖެ ކޮންމެ މީހަކާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ފުރުސަތު މިގާނޫނުންވަނީ ފަހި ކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ