ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް މާރާމާރީ ހިންގަން ގޮވާލި މައްސަލަ ތަޙްޤީޤްކުރަން ފުލުހުންނަށް ލާޒިމްވާނެކަމަށް ކުރީގެ ނާއިބު ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރ ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ، ރާއްޖޭގެ ދާޚިލީ މަސްލަހަތު ގެއްލުވާލައި، ގައުމުގެ ހަޖެހުން ގެއްލުވާލުމަށް އެއްވެސް ބަޔަކަށް ފުރުސަތު ދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށާއި، އިންޑިއާ އައުޓް ގޮވާލާ މީހުންގެ ކަންފަތްމަތީ ޖަހައިގެންވެސް އެކަން ހުއްޓުވަން ޖެހޭކަމަށް ފަލާހު އިއްޔެ ވިދާޅުވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ، ޖާހިލިއްޔަ ޒަމާނުގައި މުޝްރިކުން ޙައްޤާ ކުރިމަތިލާން ނުކުޅެދުމުން އަނިޔާކުރަން ގޮވާލައި ރޭވިކަމަށެވެ. އަދި ނަފްރަތު އުފެއްދުމުގެ ނަތީޖާއަކީ ނަފްސަށް ގެއްލުން ދިނުން ފަދަ ޖަރީމާ މާޒީގައި ހިންގުންކަމަށާއި، އެމްޑީޕީގެ މެމްބަރުން މާރާމާރީ ހިންގަން ގޮވާލި މައްސަލަ ތަޙްޤީޤްކުރަން ޕޮލިހަށް ލާޒިމުކަމަށްވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.
އެމްޑީޕީން އިއްޔެބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެންބަރު ފަލާހު ވިދާޅުވެފައިވަނީ އިންޑިއާ އައުޓް ހަރަކާތަކީ އެއްވެސް ހާލެއްގައި ހިންގަން ޖާގަދެވޭނެ ހަރަކާތެއް ނޫންކަމަށެވެ. މިކަން ކުރަން ޖާގަ ދިނުމަކީވެސް ޤައުމީ ސަލާމަތަށް އޮތް ނުރައްކަމެއް ކަމަށާއި، އެކަން ހުއްޓުވަންޖެހޭކަމަށް ފަލާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަން ކުރާމީހުން ހުއްޓުވުމަށްޓަކައި "އިންޑިއާ އައުޓް" ގޮވާ މީހުންގެ ކަންފަތްމަތީ ޖަހައިގެން ނަމަވެސް މިކަން ހުއްޓުވަންޖެހޭ ކަމަށް ފަލާހް ވިދާޅުވިއެވެ.
އެމްޑީޕީން ބޭއްވި މާލެ ސިޓީގެ ދާއިރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ރައީސް ޔާމީނަށް އިސްކޮށް ހުންވައިގެން ހިންގޭނެ ހަރަކާތެއް ނޫންކަމަށެވެ. ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ އައުޓް ހަރަކާތް ހިންގަމުންދަނީ ޤާނޫނާއި ޚިލާފަށް ކަމަށާއި، އެކަން ފުލުހުން ނިކުމެ ހުއްޓުވަން ޖެހޭކަމަށެވެ.
މިހަރަކާތަކީ އެއްވެސް ގޮތަކަށް ޤައުމުގެ މަސްލަހަތު އޮތްގޮތެއް ނޫންކަމަށާއި، މިކަމުން ރައީސް ޔާމީނަށްވެސް އަދި އެމަނިކުފާނުގެ ޕާޓީގެ މެމްބަރުންނަށްވެސް ވަނީ ބޮޑު ހުތުރަކަށް ކަމަށެވެ. ރާއްޖޭގެ މަސްލަހަތު ގެއްލުވާލުމަށް އެހެން ޤައުމެއް އައުޓްކަމަށް މޭމަތީގައި ޖަހައިގެން ހަރަކާތް ހިންގުމަށް ޖާގަ ދެވިގެން ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ