އިންޑިއާ މީހުން އެޤައުމުގައި ތިބި ދިވެހިން އައުޓް ގޮވަން އިންޑިއާއިން ފަށައިފިނަމަ ދިވެހިންނަށް ލިބޭނެ ގެއްލުމާމެދު ވިސްނުމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ގޮވާލައްވައިފިއެވެ.
އަޙްމަދު މިހެން ވިދާޅުވެފައިމިވަނީ، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އަތޮޅު ތެރޭގެ ރަށްތަކަށް ފަށާދަރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އިއްޔެ ކ.ގުރައިދޫއަށް އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓެއްގައި ވަޑައިގަނެފައިވާ ދަނޑިވަޅެއްގައެވެ. އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން ހިންގާ ހަރަކާތެކެވެ.
އަޙްމަދު ވަނީ ރާއްޖޭގައި ސިޔާސީ ބޭނުމަށް އިންޑިއާ އައުޓް ގޮވަމުން ދާއިރު އިންޑިއާގައި ތިބި ދިވެހިންނާއި ދެކޮޅަށް އިންޑިއާ މީހުން ނުކުމެ ދިވެހިން އައުޓް ގޮވަން ފަށައިފިނަމަ ދިވެހިންނަށް ލިބިދާނެ ގެއްލުމާ މެދު ވިސްނާލުން ރަނގަޅު ނޫންތޯ ސުވާލުކުރައްވާފައެވެ.
Raajjeyga siyaasee beynumah India out govamun dhaairu India ga thibi duivennnaa dhekolhah India meehun nukume Dhivehin out govan fashaifiyaa dhivehinnah libidhaane gellumaa medhu visnaalun rangalhu noonbaa?
— Ahmed Abdulla (@ahmedabdulla2a) December 17, 2021
އިދިކޮޅު ލީޑަރު ރައީސް ޔާމީން އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، ސަރުކާރުން ހިންގާ ނޭދެވޭ ކަންކަމުގެ މައުލޫމާތުވެސް ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާ އައުޓު ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާ އައުޓް ކެމްޕެއިން ދެން ނުހުއްޓުވޭނެކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.
އިންޑިއާ އައުޓް ކެމްޕެއިން ހިންގުމުގައި އުޅުއްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މިހަރަކާތަކީ ދެން ހުއްޓުވޭނެ ހަރަކާތެއް ނޫންކަމަށެވެ. ދިވެހި އެތައް ރައްޔިތުން މިހަރަކާތާއި ގުޅި އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއިން ބޭލުމަށް ހިންގާ ހަރަކާތަކީ މަދު ބަޔަކު ހިންގާ ހަރަކާތެއްކަމަށް ބުނި ނަމަވެސް މިހާރު މިއީ ކިހާ ބަޔަކު ހިންގާ ކިހާބޮޑު ހަރަކާތެއްކަން ސަރުކާރަށް އެނގޭނެކަމަށެވެ.
އިންޑިއާ އައުޓު ހަރަކާތަކީ ފާއިތުވެދި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ އެންމެ ވަރަގަދަ އަސާސެވެ. މި ސަރުކާރުން އިންޑިއާ ސިފައިންނާ އެކީ ކޮށްފައިވާ އެގްރީމަންޓްގެ އަސްލުތައް ހޯދުމަށާއި، އަދި އިންޑިއާ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމުގެ މަގު ފަހިވެފައިވާކަމަށް ބުނެ، އިދިކޮޅު ޕާޓީން ކުރިޔަށްގެންދިޔަ ހުރިހާ ސިޔާސީ ހަރާކާތެއްގައިވެސް ވަނީ މި ގައުމު އަޅުވެތި ކޮށްފައިވާ ކަމަށް ވަކާލާތުކޮށް، ގައުމުގެ މިނިވަންކަން މިސަރުކާރުން ގެއްލުވާލާފައިވާ ކަމަށް ގިނަބަޔަކަށް ވިސްނޭ މިންވަރަށް މި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ.
ނަތީޖާއެއްގެ ގޮތުން، ރައީސް ޔާމިން ޖަލުގައި ހުންނެވި ދެ އަހަރެއްހާ ދުވަހުގެ މުއްދަތުގައި އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓުގެ ހަރަކާތަށް ތާއީދުކޮށް، ޕީޕީއެމްއަށް ތާއީދު ނުކުރާ އެތައް ބަޔަކުވެސް ވަނީ، މިހަރަކާތާއި ގުޅި، އަދި މިހަރަކާތައްވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ