މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު މަހާތީރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު މަހާތީރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި

Author
ހުސެއިން
17 ޑިސެމްބަރ 2021 09:36
0

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު، 96، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ. އަދި ހޮސްޕިޓަލުން ބުނެފައިވަނީ، މަހާތީރުގެ ފުލް މެޑިކަލް ޗެކަޕެއް ހަދަން ހަމަޖެހިފައިވާ ކަމަށެވެ.

މެލޭޝިއާގެ ނޭޝަނަލް ހެލްތު އިންސްޓިޓިއުޓުން ބުނެފައިވަނީ، އެ އިންސްޓިޓިއުޓަށް މަހާތީރު ވަޑައިގެންފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 7:00ގައި ކަމަށެވެ. އަދި ދުވަސްތަކެއް ވަންދެން މަހާތީރު އެޑްމިޓް ކޮށްފައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

މަހާތީރު އެޑްމިޓް ކުރީ ކޮންކަހަލަ އާލާސްކަންފުޅެއްގައި ކަމެއް ހޮސްޕިޓަލުން ހާމަ ކޮށްފައެއް ނުވެއެވެ. އަދި މަހާތީގެ އެހީތެރިންވަނީ އާލާސްކަންފުޅާ ގުޅޭ މައުލޫމާތު މީޑިއާއަށް ހާމަކުރަން ދެކޮޅު ހައްދަވާފައެވެ.

މަހާތީރަކީ ހިތުގެ މައްސަލަ ހުންނަވާ ބޭފުޅެކެވެ. އަދި މީގެ ކުރިން ވަނީ، ހާޓް އެޓޭކްވެސް ޖެހިވަޑައިގެންފައެވެ. ނަތީޖާއެއްގެ ގޮތުން ވަނީ ބައިޕާސް ސާޖަރީ ހައްދަވާފައެވެ.

މަހާތީރަކީ މެލޭޝިއާގެ އެންމެ ނުފޫޒުގަދަ ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ވަނީ ދެފަހަރެއްގެ މަތިން ޖުމްލަ 24 އަހަރު މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.

މިގޮތުން އެންމެ ފުރަތަމަ ބޮޑު ވަޒީރުކަން ކުރައްވާފައި ވަނީ 1981 އިން 2003 އަށެވެ. އެއަށްފަހު ވަނީ، އުމުރުފުޅުން 92 އަހރުގައި 2018ވަނަ އަހަރު، އެއަހަރުގެ އާންމު އިންތިޚާބު ކާމިޔާބު ކުރި ކޯލިޝަންގެ ލީޑަރުގެ ހައިސިއްޔަތުން، އަލުން ބޮޑު ވަޒީރުކަމަށް ވަޑައިގެންފައެވެ.

އެހެންނަމަވެސް، އެ ކޯލިޝަންގެ އެތެރޭގައި އުފެދުނު ސިޔާސީ ކޯލުންތަކާއެކު، އެ ކޯލިޝަން ރޫޅި، 2020ވަނަ އަހަރު މަހާތީރުވަނީ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.