ތިމާވެށްޓަށް ގެއްލުންދޭ ބާވަތުގެ ކުނި މަދުކުރުމަކީވެސް މުހިންމު ސިޔާސަތެއް: ރައީސް

ތިމާވެށްޓަށް ގެއްލުންދޭ ބާވަތުގެ ކުނި މަދުކުރުމަކީވެސް މުހިންމު ސިޔާސަތެއް: ރައީސް

ސަރުކާރުގެ ސިޔާސަތަކީ ހަމައެކަނި ކުނި މެނޭޖްކޮށްގެން، ތިމާވެށި ރައްކާތެރިކުރުން ނޫންކަމަށާއި، ތިމާވެށްޓަށް ގެއްލުންދޭ ބާވަތުގެ ކުނި މަދުކުރުމަކީ ވެސް، ތިމާވެށި ރައްކާތެރި ކުރުމުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ މަޝްރޫޢު އިފްތިތާޙްކުރުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު މިއިފްތިތާޙްކުރި "ވޭސްޓް ޓު އެނާޖީ" މަޝްރޫޢަކީ، މާލެއަތޮޅާއި، އަރިއަތޮޅާއި، ވާވުއަތޮޅުގެ ހުރިހާ ރަށްރަށާއި ރިސޯޓްތަކުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތައިލުމަށް ފަށާ ވަރަށް މުހިންމު މަޝްރޫޢެއްކަމުގައި ވިދާޅުވެ، މިއީ ކުނި ނައްތައިލުމާއި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ގޮތުން ރާއްޖޭގައި ފަށާ އެންމެ އަގު ބޮޑު އެއް މަޝްރޫޢުކަން ހާމަކުރައްވާފައެވެ. ދިވެހި ސަރުކާރާއި ބޭރުގެ އެހީ ދޭ ހަ ފަރާތެއްގެ މާލީ އެހީތެރިކަމާއެކު ހިންގާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ، 304 މިލިއަން ޑޮލަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މާލޭ ސަރަޙައްދުގައި މީގެ ކުރިން ކުނި މެނޭޖްކުރަމުން އައި ގޮތަށް އަލިއަލުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން، އެމަނިކުފާނު ވަނީ ރަށްރަށުން ތިލަފުށްޓަށް ކުނި ގެންނަމުން އައީ ތިމާވެށްޓަށް މާބޮޑު ސަމާލުކަމެއް ދީގެން ނޫންކަމުގައި ވިދާޅުވެ، އެއް ތަނުން އަނެއް ތަނަށް ކުނި އުފުލުމުގައި ނުރައްކާތެރި ބާވަތްތަކުގެ ވަރަށް ގިނަ ކުނި ކަނޑަށް އެޅޭ ގޮތް މެދުވެރިވާކަމުގައި ވިދާޅުވެފައެވެ. އަދި، މިއީ ރަނގަޅަށް ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ޤާއިމުވެފައި ނެތުމުގެ ސަބަބުން ދިމާވި ކަމެއްކަމަށާއި، ޤައުމު ތަރައްޤީ ކުރަންވާނީ ވެސް، އަދި އިޤްތިޞާދީ ޙަރަކާތްތައް ހިންގަންވާނީވެސް، ވަށައިޖެހޭ ނިޒާމެއްގެ ތެރެއިންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅަނގު މޫސުމުގައި ތިލަފުށިން ކުނި އެންދުމުގައި ވިލިމާލެއާއި މާލެ ރައްޔިތުންނަށް މީގެ ކުރިން ލިބުނު ދުމުގެ އުނދަގޫތައް މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުން މިހާރު ނުލިބޭނެ ގޮތަށް އިންތިޒާމުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

"ވޭސްޓް ޓު އެނާޖީ" މަޝްރޫޢަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ މި މަޝްރޫޢުގެ އެންމެ މުހިންމު ކަމަކީ، މިއީ ކުނި ނައްތައިލާ މަޝްރޫޢަކަށް ވުންކަމަށާއި، މި މަޝްރޫޢުގެ ދަށުން ތިލަފުށީގައި ޤާއިމުކުރާ ޒަމާނީ ވަސީލަތްތަކުން ކުނި ނައްތައިލާއިރު، ކުނީގެ މާނައިގައި ހިމެނިގެން، އެއްލާލަންޖެހޭ މާބޮޑު އެއްޗެއް ނޯންނާނެކަމުގައި ވިދާޅުވެފައެވެ. އަދި،ކިތަންމެ ގަދަ ހޫނެއްގައި ކުނި އެންދިޔަސް، އެ މެޝިނުން ދުމެއް ވިހައެއް އަދި ވަހެއް ވެސް ބޭރު ނުވާނެކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ކުނިތައް ނެތިގެންދާއިރު އޭގެ ބަދަލުގައި އުފެދޭނީ ޙަކަތަ ކަމުގައި ވިދާޅުވެފައެވެ. އަދި، ކުނި އަންދައިގެން ކަރަންޓު އުފެއްދުމަކީ، އިޢާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ކުނި މެނޭޖްކޮށް ތިމާވެށި ރައްކާތެރި ކުރުމަކީ، ހަމައެކަނި މާލެ ސަރަޙައްދަށް އަމާޒު ހިފާފައިވާ ސިޔާސަތެއް ނޫންކަމށާއި، މިއީ ރާއްޖޭގެ ހުރިހާ ރަށްތަކާއި ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައި އުފެދޭ ކުނިވެސް، ރައްކާތެރި ގޮތުގައި ނައްތާލައިގެން ތިމާވެށި އަލުން ދިރުވައި އާލާކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތެއްކަމުގައި ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާއެކީ ޢުމްރާނީ މަސައްކަތްތައް ވެސް އިތުރުވަމުން އަންނަކަމަށާއި، ފަތުރުވެރިކަން ފުޅާވެ އިޤްތިޞާދީ ޙަރަކާތްތައް ވެސް އިތުރުވަމުންދާއިރު މިފަދަ ކޮންމެ ބަދަލަކާއެކު، ކުނި އުފެދޭ މިންވަރު ވެސް އިތުރުވާނެކަމުގައެވެ.

އަދި، ކުނި މެނޭޖްކުރާނެ މަރުކަޒުތައް ރާއްޖޭގެ ތަފާތު ސަރަޙައްދުތަކުގައި ޤާއިމުކުރުމުގެ ޙަޤީޤީ ބޭނުމަކީ މިއީކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަރުކަޒުތަކުގެ މަސައްކަތް ފަށައިގަތުމުން، ރަށްރަށުގައި އުފެދޭ ފަނާވާ ޒާތުގެ ކުނި ފިޔަވައި، އެނޫން ބާވަތްތަކުގެ ކުނިތައް، ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ގެންގޮސް ރައްކާތެރި ގޮތުގައި ނައްތައިލެވޭނެކަމުގައި ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *