މީގެ ކުރިންވެސް އެކި ވެރިކަން ތަކުގައި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ޖަލަށް ލުމަށް މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އެއްވެސް ފަހަރަކު އެކަން ކާމިޔާބު ވެފައި ނުވާކަމަށް އުމަރު ނަސީއު ވިދާޅުވެއްޖެއެވެ.
އުމަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލޭ) މަޖިލިސް ތަޅުމުގައި އުމަރަކީވެސް ރައީސް ޔާމީނާއިއެކު ޖަލަށް ލާންޖެހޭ މީހެއްކަމަށް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. އުމަރު ވިދާޅުވީ މީގެ އަހަރެއް ކުރިން ހަލީމް މިފަދައިން ވިދާޅުވެފައިވާއިރު މީގެ ކުރިން ނިމިދިޔަ 3 ސަރުކާރެއްގައިވެސް އޭނާ ޖަލަށް ލާން މަސައްކަތް ކުރިކަމަށެވެ.
ނަމަވެސް އެއްވެސް ފަހަރަކު އެކަން ކާމިޔާބު ވެފައި ނުވާކަމަށާއި، އަދި މިހާރު ޖަލަށް ލާން ކުރަމުންދާ މަސައްކަތުގައިވެސް ކާމިޔާބު ނުވާނެކަމަށެވެ.
މިއީ މިދިޔައަހަރުގެ މި ދުވަހު ރައްޔިތުންގެ މަޖްލިސް ފްލޯގައި އެމް،ޑީ،ޕީގެ އިސް މެންބަރަކު ވިދާޅުވި ވާހަކަ. އަޅުގަޑު ޖަލަށް ލެވޭތޯ މަސައްކަތްކުރާ މިއީ 3 ވަނަ ސަރުކާރު. އިރާދަކުރެއްވިއްޔާ އަދި އެއްވެސް ބަޔަކަށް ކާމިޔާބެއްނުވޭ. އަދި ނުވެސްވާނެ.
– އުމަރު ވިދާޅުވިއެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވާފައިވުމާއި ގުޅިގެން 2023 ގެ ކެމްޕެއިން އޭނާ މެދު ކަނޑާލައިފައެވެ. އުމަރުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ހިންގުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ބުނެއެވެ.
ކުށްވެރިންގެ ޙަރަކާތްތައް މޮނިޓަރކުރުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުށްވެރިންގެ ފައިގައި ޓެގް އަޅުވަން ފަށާފައިވަނީ ހޯމް މިނިސްޓަރަކަށް ޢުމަރު ނަޞީރު ހުންނެވިއިރުއެވެ. ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްޓެލްވާޓް މޯލްޑިވްސް ޕވޓ ލޓޑ ކިޔާ ކުންފުންޏަކާއެވެ.
އޭސީސީން ވިދާޅުވީ، 2015ވަނަ އަހަރު ތެރޭގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އޭރުގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރުއާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށްކަމަށް ބުނާ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.
މި މައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާ ކަންކަމުގެ ތެރޭގައި، އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކޮށްފައިވާ އިޢުލާނާ ގުޅޭ ކަންކަން އެމިނިސްޓްރީން ކުރިއަށް ގެންގޮސްފައިވަނީ ޢާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެ ބޭރުން، އޭރުގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރުގެ ބެލުމުގެ ދަށުން އޭނާގެ އިރުޝާދުގެ ދަށުންކަމަށް އޭސީސީން ވިދާޅުވިއެވެ.