100 ކިލޯ ޑްރަގު އޮޕަރޭޝަންގައި ހައްޔަރު ކުރި ހުރިހާ ދިވެހިން ދޫކޮށްލައިފި

100 ކިލޯ ޑްރަގު އޮޕަރޭޝަންގައި ހައްޔަރު ކުރި ހުރިހާ ދިވެހިން ދޫކޮށްލައިފި

ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ.

މިމައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެންމެ ފަހުން ދޫކޮށްލި ތިން މީހުންނަކީ ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްތަފާ (19އ) އާއި، ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު (34އ) އާއި، ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން (61އ) އެވެ. މިމީހުން ބަންދުން ދޫކޮށްލީ ބަންދުގައި ބައިތިއްބަން ޖެހޭވަރުގެ އެއްވެސް ހެއްކެތް ނެތުމުންނެވެ.

މިތިން މީހުންނާއިއެކު މިމައްސަލާގައި ހައްޔަރު ކުރި 10 މީހުންގެ ތެރެއިން 2 ބިދޭސީން ފިޔަވައި އެންމެންވަނީ ދޫކޮށްލާފައެވެ. ބަންދުގައި މިހާރުތިބީ ބަންގްލަދޭޝް އަށް ނިސްބަތްވާ އެމްޑީ ރަފީގުލް އިސްލާމް (35އ) އާއި، ޑީއެމް މޮބިން (24އ) އެވެ.

ރާއްޖެއަށް 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމަށް ފުލުހުން ތުހުމަތުކުރާ ދެމީހުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ނިންމަވާފައެވެ. މިގޮތަށް ޕީޖީން ނިންމާފައިވަނީ ހައިކޯޓު މަރުޙަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެތީއާއި، ދަށުކޯޓަށް ހުށަހެޅި ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފު ކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެކަމަށް ނުފެނުމާއި، މި ދެމީހުންގެ މައްޗަށް އިތުރު ހެކި ޤަރީނާ ހޯދިއްޖެނަމަ ހައްޔަރުކުރުމުގެ އައު އަމުރަކަށް އެދި ދަށުކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެތީ ކަމަށް ޕީޖީ އޮފީހުންވަނީ ވިދާޅުވެފައެވެ.

ފުލުހުން ބުނީ 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.

މިއީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޚާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ. މިއޮޕަރޭޝަންގެ އިތުރުން، މި ފަހުން ހިނގުނު އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *