އދގެ އާންމު މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދު

ކަނޑުގެ ލޮނުގަނޑު އުފުލުން ހުއްޓުވުމަށް ކަނޑުތަކާބެހޭ މުއާހަދާއަށް އަމަލުކުރުން ހަރުދަނާ ކުރަންޖެހޭ: ޝާހިދު

ކަނޑުގެ ލޮނުގަނޑު އުފުލުން ހުއްޓުވުމަށް ކަނޑުތަކާބެހޭ މުއާހަދާއަށް އަމަލުކުރުން ހަރުދަނާ ކުރަންޖެހޭ: ޝާހިދު

ގުޅުންހުރި

ކަނޑުގެ ލޮނުގަނޑު އުފުލުން ހުއްޓުވުމަށްޓަކައި ކަނޑުތަކާބެހޭ ބައިނަލް އަޤްވާމީ މުއާޙަދާއަށް އަމަލު ކުރުން ހަރުދަނާ ކުރަން ޖެހޭކަމަށް އ.ދ. ގެ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކަނޑުތަކާބެހޭ ބައިނަލް އަޤްވާމީ އުޞޫލުތަކާ ބެހޭގޮތުން އ.ދ. ގެ އާއްމު މަޖިލީހުގައި ބޭއްވުނު ޕްލިނަރީގެ ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ކަނޑު ތަކަކީ ދުނިޔޭގެ ހަތްދިހަ އިންސައްތަ ކަމަށާއި އަދި ދުނިޔޭގައި އޮކްސިޖަން އިތުރުކޮށް ކާބަންޑައިއޮކްސައިޑް ފަދަ ނުރައްކާތެރި ގޭސްތައް މަދުކުރުމަށް ކަނޑުތަކުން ކުޅޭ ރޯލު ފާހަގަ ކުރައްވައި، ކަނޑުތަކުގެ ހާލަތާބެހޭގޮތުން ކަންބޮޑުވުން ފާހަގަ ކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުތައް ތަޣައްޔަރުވުމާއި އަދި ޤާނޫނާ ޚިލާފަށް އަދި އިމެއްނެތި ކުރާ މަސްވެރިކަމުގެ ސަބަބުން ކަނޑު ތަކުގެ ހާލަތު ދަށްވަމުންދާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން ކަނޑުތައް ޕްލާސްޓިކާއި، ކެމިކަލް އަދި އެނޫންވެސް މިފަދަ މާއްދާ ތަކުން ތަޣައްޔަރު ވެފައިވާ ކަމަށާއި، އޭގެ ނުރަނގަޅު އަސަރު ކަނޑުތަކުގެ ދިރުންތަކުގެ އިތުރުން އިންސާނުންނަށް ވަރަށް ފާޅުކަންބޮޑު ގޮތަކަށް ކުރާކަން ޝާހިދު ފާހަގަ ކުރެއްވިއެވެ. މިގޮތުން ވިހައިގެ އަސަރުކޮށްފައިވާ މަސް އިންސާނުން ކެއުމުގައި ބޭނުންކުރުމުގެ އިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ކަންތައްތަކުގެ ސަބަބުން ދިމާވާ ގެއްލުންތަކުގެ ބޮޑުބައެއް ތަޙައްމަލް ކުރަނީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމު ތަކުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ކަނޑުތަކަށް ކުރިމަތިވެފައިވާ ގޮތުންޖެހުން ތަކަކީ އިންސާނީ ނަސްލު ދެމެހެއްޓުމަށް އޮތް ހުރަހަކަށް ވިޔަސް މި ކަންކަން ހުއްޓުވުމަށް ޢަމަލީ ގޮތުން މަސައްކަތް ކުރުމުގައި ޤައުމުތައް ފެންނަނީ ފަހަތު ފަޔަށް ބުރަވެފައިވާތަން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން ޙައްލު ކުރެވޭނީ އ.ދ. ފަދަ ބައިނަލް އަޤްވާމީ ޖަމިއްޔާތަކުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ. އަދި އަންނަ އަހަރަކީ ކަނޑުތަކާބެހޭ ބައިނަލް އަޤްވާމީ މުއާޙަދާއަށް ސާޅީސް އަހަރު ފުރޭ އަހަރުކަން ފާހަގަ ކުރައްވައި، ކަނޑުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލު ކުރުމަށް އެ މުއާޙަދާގެ ރޯލު މިހާރަށްވުރެ ހަރުދަނާކޮށް އެ މުއާޙަދާއަށް ޢަމަލުކުރުމަށް ޤައުމުތަކަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ