ޢުމަރު ނަޞީރުގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި

ޢުމަރު ނަޞީރުގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި

Author
ހުސެއިން
07 ޑިސެމްބަރ 2021 06:06
0

2015 ވަނަ އަހަރު ތެރޭގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އޭރުގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރުއާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށް ބުނާ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލާގައި އުމަރު ނަސީރުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލާގައި އެ ކޮމިޝަނުން ކުރީގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު (ހ.ދޮންޖޭމުގެ / ކ.މާލެ) ގެ މައްޗަށް ދަޢުވާކުރުމަށް އެދި ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތް) ގެ 513 ވަނަ މާއްދާގެ (ށ)  ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކަމުގައެވެ.

މި މައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކޮށްފައިވާ އިޢުލާނާ ގުޅޭ ކަންކަން އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެ ބޭރުން، އޭރުގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރުގެ ބެލުމުގެ ދަށުން އޭނާގެ އިރުޝާދުގެ ދަށުން ކަމުގައިވެސް އެސީސީގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އޭސީސީގެ ބަޔާނުގައި ވާގޮތުން، މި މަސައްކަތަށް ހޯމް މިނިސްޓްރީ ކުރި އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ ތެރެއިން ޓެގް އަޅުވައި ބަލަހައްޓާނެ ގޮތުގެ ޓްރައަލް ދައްކާފައިވާ ސްޓެލްވާޓް މޯލްޑިވްސް ޕވޓ ލޓޑ ގެ ޙިއްސާދާރުންގެ ތެރޭގައި ހިމެނޭ 04 ފަރާތަކީ ވެސް ޢުމަރު ނަޞީރުއާ ގާތްގުޅުން އޮންނަ ފަރާތްތަކެކެވެ.

އޭގެތެރެއިން ދެ  ޙިއްސާދާރުންނަކީ ޢުމަރު ނަޞީރުގެ ވިޔަފާރި ޕާޓްނަރުން ކަމަށްވާތީ ދައުލަތުގެ މާލިއްޔަތު ގަވާއިދު (2009) ގެ ބާބު 15 ގެ 3 ވަނަ މާއްދާގެ (ނ) ގެ 8 ގައި ބަޔާންކޮށްފައިވާގޮތަށް އެފަރާތްތަކަކީ ޢުމަރު ނަޞީރުގެ ކްލޯޒް އެސޯސިއޭޓުންނެވެ. އެހެންކަމުން، ސްޓެލްވާޓަކީ ޢުމަރު ނަޞީރުއާ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏެއް ކަމަށާއި އަދި ސްޓެލްވާޓުން ދެއްކި ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް ޢުމަރު ނަޞީރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅައި އެ ކޮމެޓީގެ ޗެއަރގެ ގޮތުގައި ޢުމަރު ނަޞީރު ބައިވެރިވެފައިވާ ކަމަށްވެސް މި މައްސަލައިގެ ތަފްސީލް ހާމަ ކުރެއްވުމަސް އޭސީސީން އާންމު ކޮށްފައިވާ ބަޔާނުގައި ހާމަ ކޮށްފައި ވެއެވެ.

ސްޓެލްވާޓުން ޓްރައަލް ޕީރިއަޑްގައި ބޭނުންކޮށްފައިވާ ޓެގާއި އެއާގުޅޭ އިލެކްޓްރޯނިކް ސާމާނަކީ މި ޚިދުމަތުގައި ބޭނުންކުރުމަށް އެކަށީގެންވާ ތަކެތިކަމަށް ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާފައި ވީނަމަވެސް، މި މަސައްކަތް ސްޓެލްވާޓާ ޙަވާލުކުރުމަށް އެ ކޮމެޓީން ނިންމާފައި ނުވާއިރު، ތަކެތި ގަތުމާއި ޚިދުމަތް ހޯދުމަށް، މަސައްކަތާ ޙަވާލުވާނެ ފަރާތެއް ކަނޑައަޅަންވާނީ އަންދާސީ ހިސާބު ބަލާ ކޮމިޓީން ބަލާއިރު އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތަށް ކަމަށް އޭރު ޢަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009ގެ 8.20 ގައި ބަޔާންކޮށްފައިވާއިރު، މި މަސައްކަތް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޭރު އެކުލަވާލާފައި އޮތް ބިޑު ކޮމެޓީއަށް ހުށަހަޅާފައިނުވާކަމަށް އޭސީސީގެ ބަޔާނުގައި އިތުރަށް ފާހަގަ ކުރައްވާފައި ވެއެވެ.

ހަމައެއާއެކު، ހަމައެކަނި ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމި ނިންމުމަށް ބިނާކޮށް މި މަސައްކަތް ސްޓެލްވާޓާ ޙަވާލުކުރުމުގެ ހުއްދައަށް އެދި، އަދި  އެ ފަރާތަށް އެޑްވާންސް ފައިސާ ދިނުމުގެ ލަފައަށް އެދި ޢުމަރު ނަޞީރު ސޮއިކޮށް މިނިސްޓްރީ އޮފް ފިނޭންސަށް ސިޓީ ފޮނުވާފައިވާކަން ތަޙްޤީޤުން ފާހަގަކުރެވިފައި ވާކަމަށް މިބާނުގައި ވެއެވެ. އެހެންކަމުން، ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009 ގެ 8.20 އާ ޚިލާފަށް ބިޑު ކޮމެޓީއަށް ހުށަނާޅާ މި މަސައްކަތް ސްޓެލްވާޓާ ޙަވާލުކުރުމުގެ ޕްރޮސެސް ކުރިޔަށް ގެންގޮސްފައިވަނީ އުމަރު ނަސީރަށް ލިބިގެން ނުވާ ބާރެއް ބޭނުންކޮށް މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލްވާޓަށް ފައިދާ ހޯދާ ދިނުމަށްކަން މި މައްސަލައިގެ ތަޙްޤީޤުން އޭސީސީއަށް ފާހަގަ ކުރެވިފައި ވެއެވެ.

އޭގެއިތުރުން، ސްޓެލްވާޓުން ބިޑު ހުށަހެޅިއިރު ބިޑުގައި އެޑްވާންސްގެ ގޮތުގައި ބޭނުންވާނެކަމަށް ބަޔާންކޮށްފައިވާ 500,000.00 (ފަސްސަތޭކަހާސް ރުފިޔާ) ސްޓެލްވާޓަށް އެޑްވާންސްގެ ގޮތުގައި ދިނުމުގެ ހުއްދައަށް އެދިފައިވަނީ އަދި އެ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ، އެ ކުންފުންޏަށް މަސައްކަތް އެސްޓެބްލިޝްކުރަން ފަސޭހައަކަށްކަމާއި، އަދި އެ ކުންފުނިން ލޯނު ނަގަންޖެހޭތީކަން ކޮމިޝަންގެ ތަޙްޤީޤަށް ހާމާވެފައިވާ ކަމަށްވެސް އޭސީސީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ. އެހެންކަމުން، މި މަސައްކަތް ސްޓެލްވާޓާ ހަވާލުކޮށްފައިވަނީ އޭރުގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލެވާޓް އަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްކަން މި މައްސަލައިގެ ތަޙްޤީޤުން އޮތްކަމަށް އޭސީސީން ވަނީ ބުނެފެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.