މަނީ ލޯންޑަރިންގް މައްސަލަތަކާ ގުޅިގެން ބޮލީވުޑްގެ ތަރި ޖެކޮލިން ފެރްނާންޑޭޒް ހައްޔަރު ކޮށްފާނެ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.
އާދިއްތަ ދުވަހު އޭނާ މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅެނިކޮށް ފުލުހުން ވަނީ އޭނާ އަށް ނުފުރޭނެ ކަން އަންގާފައެވެ. މަނީ ލޯންޑްރިންގެ ބޮޑު މައްސަލައަކާ ގުޅިގެން ދާދިފަހުން ވެސް އިންޑިއާގެ އެންފޯސްމަންޓް ޑައިރެކްޓަރޭޓް (އީޑީ) އިން ވަނީ އޭނާއާ ސުވާލު ކޮށްފައެވެ.
ކަން މިހެން ހުރި އިރު ޖެކޮލިނަށް ސަލްމަންގެ ދަބަންގް ޓުއަރ ގައި ބައިވެރި ވެވޭނެ ކަމާއި މެދުވެސް ވަނީ ސުވާލު އުފެދިފައެވެ. އެ ޓުއާ މި މަހުގެ 10 ގައި ސައުދީ އަރަބިޔާގެ ރިއާދުގައި ފެށުމަށް ވަނީ އެންމެ ފަހުގެ ތައްޔާރީތައް ވެފައެވެ. މުމްބާއީ އެއަރޕޯޓުން އޭނާ ހިފަހައްޓާފައިވަނީ މި ޓުއަރ އަށް ފުރަން އުޅެނިކޮށް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ހަަމަ އެހެންމެ ބައެއް މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި މައްސަލަ ތަކުގެ ސަބަބުން އޭނާ މިހާރު ވަނީ ސަލްމާން ޚާންގެ އެހީއަށް ވެސް އެދިފައެވެ.
މަނީ ލޯންޑަރިންގެ ތުހުމަތު ޖެކޮލިނަށް ކުރަނީ ސުކޭޝް ޗަންދްރަޝޭކަރު ކިޔާ މީހަކު މަކަރާއި ހީލަތުން 200 ކަރޯކް އިންޑިއަން ރުޕީސް ހޯދާފައިވާ މައްސަލައަކާއި ގުޅިގެންނެވެ. އަދި މިކަމާ ޖެކޮލިން ގުޅެނީ ސުކޭޝް އަތުން އަގުބޮޑެތި ހަދިޔާތަށް އޭނާއަށް ލިބުމާއި ގުޅިގެންނެވެ. މި މައްސަލާގައި އޮކްޓޯބަރ މަހު ވަނީ އޭނާއާ ސުވާލުވެސް ކޮށްފައެވެ.
ސުކޭޝް އަތުން ޖެކުއަލީން އަށް އަގުބޮޑެތި ހަދިއާތަކެއް ލިބިފައިވާ ކަމަށް ބުނެފައިވާއިރު ދާދި ފަހުން ވަނީ މި ދެމީހުންގެ ގައިގޯޅި ފޮޓޯތަކެއް ވެސް ލީކުވެފައެވެ. އަދި ވާހަކަ ދެކެވޭ ގޮތުގައި މިއީ ޖެކޮލިންގެ ލޯބިވެރިޔާއެވެ.
ސުކޭޝް އަކީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރ ޖަޔަލަލީތާގެ ޕާޓީ، އޭއައިއޭޑީއެމްކޭގައި ކުރިން އޮތް ވާދަވެރި ސަސީކަލާގެ ފެކްޝަންގެ ފަރާތުން ޕާޓީގެ ލޯގޯއެއް ހޯދަން އިލެކްޝަން ކޮމިޝަނަށް 2017 ގައި ރިޝްވަތު ދިންކަމުގެ ދައުވާ ވެސް އުފުލުނު މީހެކެވެ.
އޭނާގެ މައްޗަށް ކުރެވޭ 200 ކްރޯޑް މަނީ ލޯންޑްރިންގެ ތުހުމަތުގެ މައްސަލައިގެ ތަގުގީގު ކުރިއަށްދާ އިރު މަކަރާއި ހީލަތުގެ އެތައް ތުހުމަތެއް ސުކޭޝްގެ މައްޗަށް ކުރެވެއެވެ.
ބޮލީވުޑްގައި މަޝްހޫރުކަން ހޯދާފައި ވީނަމަވެސް ޖެކޮލިން އަކީ ސްރީލަންކާއަށް ނިސްބަތްވާ ތަރިއެކެވެ.