ރާއްޖެއިން އިތުރު 157 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 157 މީހުންނެވެ. މީގެތެރެއިން 117 މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވީ 38 މީހުންނެވެ. އަދި ރިސޯޓްތަކުން 2 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ސަފާރީތަކުން 4 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 92،368 އަށް އަރާފައެވެ.
ކޯވިޑް ޖެހިގެން މިވަގުތު 1،796 މީހަކު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 16 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 99 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 90،304 މީހަކު ވަނީ ބަލިން ރަނަގޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3،693 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.
ކޯވިޑްގެ އައު ވޭރިއެންޓެއް "އޮމިކްރޯން" ހަލުވިކަމާއެކު ދުނިޔޭގެ ޤައުމުތަކުގައި ފެތުރެމުން އަންނައިރު ރައްކާތެރިކަމުގެ ގޮތުން އަނެއްކާވެސް މާސްކަށް އިތުރު ސަމާލުކަމެއް ދިނުމަށާއި ގައިދުރުކަން އިސްކޮށް ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ ގެއިން ބޭރަށް ނުދިޔުމަށާއި ޢާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވެކްސިން ޖެހުމަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ