ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތަށް ފިއްލަވައިގެން ރާއްޖެއިން ބޭރަށް ފުރަން އުޅޭކަމަށް ދައުލަތަށް ލިބިފައިވާކަމަށް ބުނާ ހެކިތަކަކީ އިންޑިއާގެ ރާޑަރު ސިސްޓަމްތަކަށް ލިބިފައިވާ ހެކިތަކެއްތޯ ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ސުވާލު ކުރައްވައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖެ ދޫކޮށް ދާން އުޅޭ ކަމުގެ ހެކި ލިބިފައިވާ ކަމަށް ދައުލަތުން ވަނީ މިއަދު ބޭއްވި އަޑު އެހުމުގައި ބުނެފައެވެ.
ރައީސް ޔާމީނުގެ ޕާސްޕޯޓު ހިފެހެއްޓީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި އެމަނިކުފާނު މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދި ކަމަށް ދައުލަތުން ތުހުމަތުކޮށް، އެ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ކުރި ދައުވާއާ ގުޅިގެންނެވެ.
މިމައްސަލާގައި ދައުލަތުން ބުނެފައިވަނީ ރައީސް ޔާމީންގެ ޕާސްޕޯޓް މިހާރު ހިފަހައްޓާފައިވާ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫންކަމަށާއި، އެމަނިކުފާނު ފުރައިގެން ދާން އުޅޭކަމުގެ ހެކި ލިބިފައިވާކަމަށެވެ. އަދި ޝަރީއަތް ނިމެންދެން ޕާސްޕޯޓް ހިފެހެއްޓުމަށް ވަނީ އެދިފައެވެ.
މިމައްސަލައިގައި އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިނީ ރައީސް ޔާމީން ފުރައިގެން ދާން އުޅޭކަމަށް ބުނާ މައުލޫމާތަކީ، އިންޑިއާގެ ރާޑަރުތައް މެދުވެރިކޮށް ދައުލަތަށް ލިބިފައިވާ މައުލޫމާތުތަކެއްތޯ ސުވާލު ކުރައްވާފައެވެ. ރައީސް ޔާމީނަކީ ސިޔާސީ ގޮތުން ކުރެވޭ ދައިވާއަކަށް ބިރުން ފިއްލަވާނެ ބޭފުޅެއް ނޫންކަމަށާއި، އެހެން ސިޔާސީ ލީޑަރުން ގޮތަށް ކޯޓު ދޮރުމައްޗަށް ވެއްޓި ކަންކަމާއި ކުރިމަތި ލެއްވުމަށް ފަސްނުޖެހޭނެކަމަށް ހީނާ ވިދާޅުވިއެވެ.
މިއީ އިންޑިއާގެ ރާޑަރ ސިސްޓަމް މެދުވެރިކޮށް ލިބުނު ހެކިތަކެއްތޯ؟ ރައީސް ޔާމީނެއް ރާއްޖެ ދޫކޮށް ވަޑައެއް ނުގަންނަވާނެ. އެއަށްވުރެ ގަޓު ރައީސެއް އެއީ. ކަންކަމާއި ސާބިތު ކަމާއިއެކު ކުރިމަތި ލައްވާނެ. ކޯޓު ކުރިމައްޗަށް ވެއްޓި ވަޑައެއް ނުގަންވަނާނެ.
– ހީނާ ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމުގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވިދާޅުވީ ޝަރީއަތް ނިމެން ދެން ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދިފައި ވަނީ ކުށެއްކޮށްފައިވާ ކަމުގެ ހެކި އެކަށީގެންވާ ވަރަށް ހުރުމުން ކަމަށެވެ. އަދި ރާއްޖެ ދޫކޮށް ފިލައިގެން ދިއުމުގެ ހެކި ވެސް ހުރި ކަމަށާއި ކުރީގެ ރައީސްކަން ވެސް ކުރައްވާފައި ވާތީ ފިލައިގެން ހިނގައްޖެނަމަ އަނބުރާ ގެންނަން އުނދަގޫވާނެ ކަމަށެވެ. އަދި ކުރީގެ ރައީސްކަން ކުރައްވާފައި ވުމުން ބޭރުގެ ފަރާތްތަކާއި ގުޅުންތައް އޮންނާނެ ކަމަށް ވެސް ދައުލަތުގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.
މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ މިއަދު ހަވީރު 4:00 ޖަހާއިރު މި މައްސަލައާ ގުޅޭ ގޮތުން އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެއީ ގޮތެއް ނިންމަވާފައި އިއުލާން ކުރައްވަން ބާއްވާ އަޑުއެހުމެކެވެ.
ކޮމެންޓު ފޮނުވާ