ރާއްޖެއިން ކޯވިޑްގެ އާ ވޭރިއަންޓް ފެނިއްޖެ

ރާއްޖެއިން ކޯވިޑްގެ އާ ވޭރިއަންޓް ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
05 ޑިސެމްބަރ 2021 11:00
0

ރާއްޖެެއިން ކޯވިޑްގެ އާ ވޭރިއަންޓް ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި ޓުވީޓުގައި ވިދާޅުވީ ރާއްޖެ އިން އޮމިކްރޮން އަށް ޕޮޒިޓިވް ވެފައިވަނީ ފަތުރުވެރިއެއް ކަމަށެވެ. ނަމަވެސް އޭނާ އަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް، އަދި އޭނާ ކޯވިޑަށް ޕޮޒިޓިވްވީ ކޮންއިރަކު ކަމެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

ސައުތް އެފްރިކާއާއި އެސަރަޙައްދުގެ ބައެއް ޤައުމުތަކުން ކޯވިޑްގެ އާ ވޭރިއެންޓް 'އޮމިކްރޯން' ފެނުމާއި ގުޅިގެން ގިނަ ޤައުމުތަކަކުން އަންނަނީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ޓެސްޓު ހެދުން އިތުރުކޮށްފައިވާއިރު މިވޭރިއެންޓް ފެނިފައިވާ ޤައުމުތަކުން ދަތުރުތައް ވަނީ ހުއްޓާލާފައެވެ.

ކޯވިޑްގެ އައު ވޭރިއަންޓް "އޮމިކްރޯން" އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެފްރިކާ ސަރަހައްދުގެ 7 ޤައުމަކުން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފިއެވެ. ކޯވިޑްގެ އައު ވައްތަރެއް ދެކުނު އެފްރިކާއިން ފެނި މިއީ ކޯވިޑްގެ ކަންބޮޑުވާންޖެހޭ ބާވަތެއްގެ ވޭރިއަންޓެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިންވެސް ވަނީ ކަނޑައަޅާފައެވެ.

ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވަނީ ދެކުނު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮސްޓްވާނާ، ޒިންމްބާބްވޭ އަދި އެސްވަޓީނީންނެވެ. އެޗްޕީއޭއިން ކުރި އިއުލާނެއްގައި ވިދާޅުވީ ރާއްޖެ އައުމުގެ 14 ދުވަސްކުރިން މި ޤައުމުތަކަށް ދަތުރުކޮށްފައިވާ މީހުންނާއި އެއިން ޤައުމެއްގައި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައިވާ މީހުންނަށް މިވަގުތު ރާއްޖެއަށް އެތެރެނުވެވޭނެ ކަމަށެވެ.

ރާއްޖެއަށް މީހުން އެތެރެވުން މަނާކުރި ޤައުމުތަކުން ރާއްޖެ އަންނަ ދިވެހިންނާއި ދިވެހިންނާއި ވޯކް ޕާމިޓް އޮންނަ މީހުން ރާއްޖެއަށް އެތެރެވެ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މި މީހުން ކަރަންޓީނު ދޫކޮށްލާނީ 14 ދުވަސް ފުރިހަމަކޮށް އަލުން ކޯވިޑަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.