ކޯވިޑް-19އަށް ރާއްޖެއިން އިތުރު 102 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 102 މީހުންނެވެ. މީގެތެރެއިން 72 މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވީ 25 މީހުންނެވެ. އަދި ރިސޯޓްތަކުން 5 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 91،993 އަށް އަރާފައެވެ.
ކޯވިޑް ޖެހިގެން މިވަގުތު 1،726 މީހަކު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 19 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 100 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 90،103 މީހަކު ވަނީ ބަލިން ރަނަގޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3،818 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.
ކޯވިޑް-19 އަށް ފާއިތުވި މަސްތަކުގައި ގިނައިން ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތެރޭގެ ރަށްތަކުންނެވެ. މިވަގުތުވެސް 14 ރަށެއް އޮތީ ކޯވިޑް ފެތުރެމުންދާތީ އަރާފޭބުން މަނާކޮށްފައެވެ.
ކޮމެންޓު ފޮނުވާ