ރަންބީރު ކަޕޫރުގެ ތިން ލޯބިވެރިން އެކުގައި ފެންނަ ފިލްމް "ޖީލޭ ޒަރާ"ގެ ރޯލަކުން ފިލްމުގެ ޑައިރެކްޓަރ ފަރްހާން އަޚްތަރުވެސް ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމަކީ އަންހެން 3 އެކުވެރިންގެ ރޯޑް ޓްރިޕެއްގެ ވާހަަކަ ކިޔައިދޭ ފިލްމެކެވެ. މީގެ ކުރިންވެސް ފަރްހާން ވަނީ ފިރިހެން 3 އެކުވެރިއެއްގެ ރޯޑް ޓްރިޕެއްގެ މައްޗަށް ފިލްމެއް ހަދާފައެވެ. އެއީ އޭނާގެ އަލަތު ޑައިރެކްޝަން 2001ގެ "ދިލް ޗާހަތާ ހޭ" އެވެ.
ޕްރިޔަންކާ ޗޯޕްރާ އާއި ކެޓްރީނާ ކައިފް އަދި އާލިއާ ބަޓް ލީޑުން ފެނިގެން ދާ "ޖީލޭ ޒަރާ"ގެ ރޯލަކުން ފަރްހާން ފެނިގެން ދާނެ ކަމަށް މީގެ ކުރިން ވެސް ވަނީ ވާހަކަ ދެކެވިފައެވެ. ނަމަވެސް މިކަން ކަށަވަރުކޮށްދީފައި ވަނީ އަދިކިރިޔާއެވެ.
ފިލްމުގެ ޝޫޓިންގ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ. މި ފިލްމް ހާއްސަވާ ގިނަ ކަންތަށް ތަކެއް ހުރި ނަމަވެސް ބެލުންތެރިންނަށް މި ފިލްމް އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ވަނީ މި ފިލްމުން ރަންބީރުގެ 3 ލޯބިވެރިން ސްކްރީން ހިއްސާ ކުރުމެވެ.
އެގޮތުން އޭނާ ވަރަށް ސިއްރު ލޯބީގެ ގުޅުމެއް ބޭއްވި ތަރިއެއް ކަމުގައިވާ ޕްރިޔަންކާއާ އޭނާގެ ލޯބީގެ ގުޅުން ފެށިގެން ގޮސްފައިވަނީ އެ ދެތަރިން އެކުގައި ފެނިގެން ދިއަ ފިލްމް "އަންޖާނާ އަންޖަނީ" ކުޅުނު ދުވަސްވަރު ކަމުގައި ބުނެވެއެވެ. ނަމަވެސް ދެތަރިންވެސް މި ގުޅުމަށް އެއްބަސްވެފައެއް ނުވެއެވެ. މި ފިލްމުގެ އިތުރުން ވެސް ދެތަރިން އެކުގައި ބައެއް ފިލްމް ތަކުން ފެނިގެން ގޮސްފައިވެއެވެ.
ދެންހުރީ ރަންބީރުގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފްއެވެ. މި ދެމީހުން ލޯބީގެ ގުޅުން ފެށުނީ ދެމީހުން އެކުގައި ފެނުނު ފިލްމް "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" ކުޅުނު ދުވަސް ވަރުގައެވެ. މި ދެތަރިންގެ ވާހަކައަކީ މީޑިޔާއަށް ވަރަށް ބޮޑަށް ތިލަވި ވާހަކައެކެެވެ. މި ފިލްމުގެ އިތުރުންވެސް މި ދެތަރިންވަނީ ބައެއް ފިލްމް ތަކުން ފެނިގެން ގޮސްފައެވެ.
ދެން ފިލްމުން ފެނިގެން ދާ އާލިއާ ބަޓަކީ ރަންބީރުގެ މިހާރުގެ ލޯބިވެރިޔާއެވެ. ރަންބީރު ކެޓްރީނާއާ ރުޅި ވުމުގެ އަސްލަކީ އާލިއާ ކަމުގައި ވެސް ވާހަކަ ދެކެވެއެވެ. ކުރިން އާލިއާ އާއި ކެޓްރީނާ އަކީ ވަރަށް ގާތް ރަހުމަތްތެރިން ނަމަވެސް ރަންބީރާއި އާލިއާގެ ލޯބީގެ ގުޅުމުގެ ސަބަބުން އެދެމީހުގެ ރަހުމަތްތެރި ކަމަށް ވަނީ ނިމުން އައިސްފައެވެ. ރަންބީރާއި އާލިއާގެ ގުޅުންވެސް ފެށިގެން ދިއައީ ދެމީހުން އެކުގައި ފެންނާނެ ފުރަތަމަ ފިލްމު "ބްރަހްމަސްތުރަ"ގެ ޝޫޓިންގ ތެރެއިންނެވެ. މިހާރު މީޑީއާގައި އެންމެ ގަދައަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ މި ދެތަރިންގެ ކައިވެނީގެ ވާހަކައެވެ.
ކޮންމެއަކަސް "ޖީލޭ ޒަރާ" އިން މި 3 ތަރިންގެ ކެމިސްޓްރީ ވަރަށް ރަނގަޅަށް ފެނިގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ.
ފަރްހާންގެ ރޯލެއް މި ފިލްމުގައި އޮތް ކަން ކަށަވަރު ވީއިރު، އިތުރު ދެ ބަތަލުން ފިލްމަށް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ 2023ގައެވެ.
ފަރުހާން އެންމެ ފަހުން ފެނިފައި ވަނީ މިއަހަރުގެ ޖުލައި މަހު އެމޭޒަން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރި ފިލްމު "ތޫފާން" އިންނެވެ.