ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް ދުނިޔޭގެ ގައުމުތަކަށް ޝާހިދު ގޮވާލައްވައިފި

ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް ދުނިޔޭގެ ގައުމުތަކަށް ޝާހިދު ގޮވާލައްވައިފި

މީގެ 74 އަހަރު ކުރިން، އިސްރާއީލޭ ކިޔުން ދައުލަތެއް އުފެދި ބިންގާ އެޅިގެން ދިޔައީ އދ.ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ 181ވަނަ ގަރާރުންކަމަށާއި އެހެންނަމަވެސް މިއަދާ ހަމައަށްވެސް މިގަރާރަށް ފުރިހަމަޔަށް އަމަލުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ބައިނަލް އަގުވާމީ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތިން ލިބިދޭންޖެހޭ ދައުލަތެއްގެ ހިޔާވަހިކަން ފޯރުކޮށް ދެވިފައި ނުވާކަމަށް، އދ. އާންމު މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިގޮތަށް ވިދާޅުވީ، ޖެނެރަލް އެސެމްބްލީގެ ޕްލެނަރީ މީޓިންގ އޮން އެޖެންޑާ އައިޓަމް 39 "ކުއިސްޗަން އޮފް ޕަލެސްޓައިން" ބައްދުލުވުމުގައި ތަގުރީރު ކުރައްވަމުންނެވެ.

މި ބައްދަލުވުމުގައި ޝާހިދު ދެއްކެވި ވާހަކަފުޅުގައި އެމަނިކްފާނުވަނީ ފަލަސްތީނުގެ ރައްޔިތުންގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާ، އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަށް ކަށަވަރު ކޮށްދިނުމުގައި ދުނިޔޭގެ ގައުމުތަކުން ބަހާއި އަމަލާއި ދިމާކުރުމަށް ގޮވާ ލައްވާފައެވެ.

އަހަރެން މީގެ ކުރިންވެސް ދެންނެވި ވާހަކަ ހަދާން ކޮށްދެން: ޔޫއެންގެ އެޖެންޑާގައި 1948އިން ފެށިގެން މިއަދާހަމައަށްވެސް އޮވެމެ، މިމައްސަލާގައި ކުރިއެރުން ލިބިގެން ނުދިއުމަކީ ހިތާމަހުރި ކަމެއް. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ހަމަ އެކަނި ނުރައްކާވެގެން ގޮސްފައިވަނީ ސަރަހައްދީ ސަލާމަތަށް އެކަންޏެއް ނޫން، ޔޫއެން އުފެދުމުގެ މަގުސަދާ އެއްގޮތްވާ ގޮތުގެމަތިން، ބައިނަލް އަގުވާމީ މައްސަލަތަކަށް ހައްލު ހޯދާ ދިނުމުގައި މުޅި ދުނިޔެއަށްވެސް ގޮންޖެހުންތަކާ ކުރިމަތި ލާންޖެހުނީ،" ޝާހިދުގެ ތަގުރީރުގައި ވިދާޅުވެފައި ވެއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، އެހެންނަމަވެ އުންމީދު ކަޑާލެވެން ނެތްކަމަށާއި، ޔޫއެންގެ އިތުބާރު ދަމަހައްޓާ، މައްސަލަ ހައްލުކުރުމުގައި ފަހި ވިސްނުމެއްގައި މަޝްވަރާތައް ކުރިޔަށް ގެންދަން ޖެހިފައިވާ ކަމުގައެވެ. އަދި މިގޮތުން ކުރެވޭ މަޝްވަރާތަކާއި ކުރެވޭ މަސައްކަތްތައް ކުރިޔަށް ދާންޖެހޭނީ، ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާއި، އަދި އިންސާނީ އެހީތެރިކަން ކަށަވަރުކުރުމަށް އެކުލަވާލެވިފައިވާ ގާނޫނުތަކާއި، އަދި ޔޫއެންގެ ޗާޓަރާވެސް އެއްގޮތްވާ ގޮތުގެ މަތިންކަމުގައިވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތި ވެފައިވާ އިންސާނީ ކާރިސާތަކުގެ ވާހަކަ، ވަކީން ޚާއްސަކޮށް ގާޒާ ސްޓްރިޕްއަށް ކުރިމަތި ކޮށްފައިވާ އިންސާނީ ކާރިސާތަކުގެ ވާހަކަ ދައްކަމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި، އެހެންނަމަވެސް ހުސްވާހަކަ ދެއްކުމުން ފަރުޖައްސާލެވޭކަށް ނެތްކަމުގައެވެ. މިގޮތުން، ފަލަސްތީނުގެ އެތައް މިލިއަން ރައްޔިތުންނަށް ލިބިދޭންޖެހޭ ސާފު ބޯފެނާއި ކަރަންޓާއި، އަބުރުވެރިކަމާއެކީ ދިރިއުޅުމުގެ ހައްގުތައް ހަމައެކަނި ވާހަކަ ދައްކައިގެން ލިބިނުދެވޭނެ ކަމަށްވެސް ޝާހިދު ވިދާޅުވެފައި ވެއެވެ.

އަދި ހަމަ އެފަދައިން، ތަޅާ ސުންނާފަތި ކުރެވިފައިވާ ފަލަސްތީނު ރައްޔިތުންގެ ގެތަކާއި، ގަދަކަމުން ފޭރިގެންފައިވާ އެމީހުންގެ ބިންތައްވެސް ހަމައެކަނި ވާހަކަ ދައްކައިގެން ހޯދައި ނުދެވޭނެކަމަށް ވިދާޅުވަމުން، ފަލަސްތީނު ރައްޔިތުންގެ މިހައްގުތައް އެމީހުންނަށް ހޯދާ ދެވޭނީ އަމަލީގޮތުން އެމަސައްކަތް ކުރެވުނު ދުވަކުން ކަމުގައި ވިދާޅުވެ، ފަލަސްތީނުގެ ރައްޔިތުންނަށް ބޭނޫންވާ  މާލީ އެހީތެރިކަމާއި، އަދި އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ދުނިޔޭގެ ގައުމުތައް އެކަތިގަޑަކަށް ވުމަށްވެސް މިޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދުވަނީ ގޮވާލައްވާފައެވެ.

މިޖަލްސާގައި ޝާހިދު ވަނީ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އޭޖެންސީ UNWRAއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ފެށިފައިވާތީ އެކަމާ އުފާ ކުރައްވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، މިއަހަރު ކުރިޔަށް އޮތްތަނުގައި އެކަށީގެންވާ ވަރަށް އެހީތެރިކަން ފޯރުކޮށް ދެވޭވަރަށް މިފަންޑުގައި ފައިސާ ނެތްކަމަ ޝާހިދު ވިދާޅުވިއެވެ.

މިގޮތުން ފަލަސްތީނު ރައްޔިތުންނަށް އެދި ގޮވަމުންދާ، އެމިހުންނަށް ހައްގުވާ އިންސާނީ ކަރާމަތާއި، އިހުތިރާމާއި، އަދި ދައުލަތެއްގެ ހިޔާވަހިކަން ފޯރުކޮށް ދިނުމަށް ދުނިޔެއަށް ޝާހިދު ގޮވާލެއްވިއެވެ. އަދި މިނޫން ހައްލެއް ފަލަސްތީނު އިސްރާއީލުގެ މައްސަލައަށް ނެތްކަމަށްވެސް މި ޖަލްސާގައި ވާހަގަ ދައްކަވަމުން ޝާހިދުވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *