ރާއްޖެއިން އިތުރު 79 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާހަމައަށް މި ބައްޔަށް ޕޮޒިޓިވްވި 79 މީހުންގެ ތެރެއިން 52 މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވީ 25 މީހުންނެވެ. އަދި ރިސޯޓްތަކުން 2 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 91،543 އަރާފައެވެ.
ކޯވިޑް ޖެހިގެން މިވަގުތު 1،733 މީހަކު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 12 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑްގެ އައު ވޭރިއެންޓެއް އެފްރިކާގެ ޤައުމުތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަތީ ދުނިޔޭގެ އެކި ކަންކޮޅުގައި އަންނަނީ އަނެއްކާވެސް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ރާއްޖެއިންވަނީ އެފްރިކާގެ 7 ޤައުމަކުން މީހުން އެތެރެވުން މަނާކޮށްފައެވެ.
އެފްރިކާއިން އަލަށް ފެނުނު ވޭރިއަންޓަށް "އޮމިކްރޯން"ގެ ނަން ދީ މިއީ ކޯވިޑްގެ ކަންބޮޑުވާންޖެހޭ ބާވަތެއްގެ ވޭރިއަންޓެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ.