ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ އޮނަރަބަލް ޢުުމަރު ޒާހިރު ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން އެ މަނިިކުފާނަށް ޚާއްސަ އެވޯޑެއް އަރުވައިފިއެވެ.
މާލޭ ސިޓީ ކައުންސިލުގެ 04 ވަނަ ދައުރަށް 06 މަސް ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ހަފުލާއެއްގައި މިއެވޯޑު ނިޝާން ޢިއްޒުއްދީން ގެ ލަގަބް ލިބިވަޑައިގެންފައިވާ އޮނަރަބްލް އުމަރު ޒާހިރާއި ހަވާލު ކޮށްދެއްވީ، އެމަނިކުފާނުގެ އިރުޝާދުގެ ދަށުން، ގިނަ ކާމިޔަބީ ތަކެއް ހާސިލް ކުރަމުންދާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއެވެ.
1936ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު އުފަންވެ ވަޑައިގެންނެވި ޢުމަރު ޒާހިރަކީ ޤައުމީ ޚިދްމަތްތެރިއެކެވެ. ޢުމުރުފުޅުގެ ބޮޑުބައި ޤައުމީ ޚިދްމަތުގައި ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ ފަޅަކުން ރަށެއްހިއްކައި ތިލަފުށީގެ ނަމުގައި އެރަށް ތަރައްޤީކުރެއްވުމާއި ހުޅުމާލެ ހިއްކުމުގައި ޢުމަރު ޒާހިރު އަދާކުރައްވާފައިވާ ރޯލާއި މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެއްދެވުމާއި ސަރުކާރުން މާލޭގައި ކުރެއްވި ގިނަ ޢިމާރާތްތަކެއް ކުރެއްވުމުގައި ޢުމަރު ޒާހިރެވެ.
މީގެ އިތުރުން ހުޅުލޭ އެއަރޕޯޓް ހަދަމުންދިޔައިރު އުމަރުޒާހިރު އަދާކުރެއްވި ރޯލާއި އައްޑުއަތޮޅުގައި އިނގިރޭސިން ތިބިއިރު ލޭޒަން އޮފީހުގައި ހުންނަވައިގެން ސަރުކާރަށް ފޯރުކޮށްދެއްވި އެހީތެރިކަންވެސް ފާހަގަކޮށްލެވެއެވެ. އުމަރު ޒާހިރާއި ގުޅޭގޮތުން ކުރީގެ ރައީސް މައުމޫން ޢުމަރު ޒާހިރު ސިފަކުރެއްވަނީ ވަރަށް އިޚްލާސްތެރި ކަމަށް ކަމޭހިއްތަވާ ޒިއްމާދާރު، ހީވާގި ހިންގުންތެރި ބޭފުޅެއްގެ ގޮތުގައެވެ.
މިހާރު ޢުމުރުފުޅުން 84 އަހަރު ވެފައިވާ ޢުމަރު ޒާހިރަކީ ސަރުކާރު މަތީ މަޤާމްތަކެއްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 1953ން 2008ވަނަ އަހަރާ ހަމައަށް ސަރުކާރުގެ އެކިފެންވަރުގެ 26 މަޤާމެއް އަދާކުރައްވާފައިވެއެވެ. ޢުމަރު ޒާހިރަށް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިކަމުގެ މެޑެލް ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 10ވަނަ ދުވަހުއެވެ.
އުމަރު ޒާހިރަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. ރައީސް މައުމޫންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އުމަރު ޒާހިރު ވެސް ވަނީ މިހާރު މި އޮތް ސަރުކާރު ގެނައުމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭންތަކުގައި ބައިވެރިވެވަޑައިގެންފައެވެ.