ރާއްޖޭގެ މުޖުތަމުގައި ޖިންސީ ފުރައްސާރަ އާއި، ގޯނާތައް އިތުރުވަމުން ދަނީ، ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާ ޚާއްސަ ކޮށްފައިވަނީ "އަނިޔާތަކުން ދުރުހެލިވުމުގެ" މައްޗަށެވެ. ޚުތުބާގައި ބުނެފައިވަނީ މިއަދު މި ދިވެހި ވެށީގައި، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައި ވަނީ، ވަކި ޖިންސެއްގެ މީހުންނެއް ނޫންކަމަށެވެ. މި އަނިޔާ ލިބޭ މީހުންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށާއި، ނަމަވެސް އޭގެ ތެރޭގައި ފިރިހެނުންނާއި، ކުޑަކުދިންނާއި، ދަރިންނާއި މައިން ބަފައިންނާއި، ގާތް ތިމާގެ މީހުންނާއި، ސްކޫލްތަކުގެ ދަރިވަރުން ވެސް ހިމެނޭކަމަށެވެ.
މިއަދު ނުހަނު ގިނައިން އިވެމުންދަނީ، ތިމާގެ މީހުންނާއި، އެކުވެރިންނާއި، އަނބިން ނުވަތަ ފިރިން ފަދަ ނުހަނު ގާތް ފަރާތްތަކުން އެކަކު އަނެކަކަށް ކުރާ ތުރާތަކާއި، އަނިޔާގެ ވާހަކައެވެ. މީގެތެރެއިން ގެވެށިއަނިޔާގެ ވާހަކަ ވަކިން ޚާއްޞަގޮތެއްގައި ފާހަގަވެގެން ދެއެވެ. ގެވެށި އަނިޔާ އަކީ، ފިރިން އަނބިންނަށް، އަނބިން ފިރިންނަށް ކުރާ އަނިޔާއާއި، މައިންބަފައިން ދަރިންނަށް، ދަރިން މައިން ބަފައިނަށް ކުރާ އަނިޔާ އާއި، އި، ޢާއިލާގެ މެންބަރުން އެކަކު އަނެކަކަށް ކުރާ އަނިޔާ އާއި، އިންޞާފެއް ނެތި، ޢާއިލާގެ އެކި މީހުންނާ ދޭތެރޭ ގެންގުޅޭ ތަފާތު ކުރުން ފަދަ ޢަމަލުތަކެއްކަމަށެވެ. ގެވެށި އަނިޔާއަކީ، އެކަން ހުއްޓުވުމަށް، މިއަދު ހުއްޓުވުމަށް، މިއަދު މުޅި ދުނިޔެ ގޮވާލާ މައްސަލައެއްކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
މިއަދު ގޭގެ އާއި އެފަދަ އެހެނިހެން ވެށިތަކުގެ ތެރެއިން އަނިޔާ އާއި، ޖިންސީ ފުރައްސާރަ އާއި، ގޯނާތައް އިތުރުވަމުން ދަނީ، ކަންބޮޑުވާން ޖެހޭ މިންވަރަކަށް. އެންމެ ގާތް މީހާގެ މައްޗަށް ވެސް މިއަދު އިތުބާރެއް ނުކުރެވޭ. އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް، ގޯނާއެއް، ތުރާލެއް ކުރުމަކީ، އިސްލާމް ދީނުގެ މަތިވެރި އަސާސެއް ކަމުގައިވާ އޯގާވެރިކަމާ އަރާރުންވާ ކަމެއް. ޝަރުޢީ ނައްޞުތަކަށް ބަލާ އިރު، ފިރިހެނަކަށް ވިޔަސް، އަންހެނަކަށް ވިޔަސް، ކުޑަ ކުއްޖަކަށް ވިޔަސް، ބޮޑު މީހަކަށް ވިޔަސް، އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ، މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަމެކެވެ.
– ޚުތުބާގައި ވެއެވެ.
ދޭދޭ އަފްރާދުންގެ މެދުގައި ހިނގާ އަނިޔާގެ ޢަމަލުތަކުގެ ސަބަބުން، އިޖްތިމާޢީ ފޭރާން ވީދި މުޖްތަމަޢުގައި އޮންނަ ޞުލްޙަމަސަލަސްކަން ބޮއްސުންލައިގެން ދާތަން ބަލަން، ކަމާބެހޭ މުއައްސަސާތަކުން ތިބެގެން ނުވާނެ ކަމަށާއި، އޭގެ ސަބަބުން މުޖްތަމަޢުގެ އެކުވެރިކަމާއި، އެއްބާރުލުން ނެތިގެން ދާތަން ބަލަން ނުތިބެ، ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މި ކަމުގައި ފަރުވާ ކުޑަކޮށްފި ނަމަ، މުޖްތަމަޢުގައި އަރާރުންތައް އުފެދި، ދީނީ ގޮތުން ހުއްދަ ނުކުރާ، އެތަކެއް ޢަމަލުތަކަކަށް، މަގުފަހިވެގެން ހިނގައިދާނެކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
މަގުމަތީގައްޔާއި، ބާޒާރުމަތީގައްޔާއި، އޮފީސްއޮފީހުގައި، އެކި ބާވަތުގެ ގޯނާ ކުރުމަކީ، މިއަދު މި މުޖްތަމަޢުގައި ފެތުރިފައިވާ ވަބާއެއްކަމަށާއި، ޒަމާނީ ފިޤްހީ މަސްއަލަތައް ދިރާސާ ކުރައްވާ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އެއީ ބިމުގައި ފަސާދަކުރުން ފަދަ ކަމެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި މަގުމަތީގައި، ނުވަތަ އޮފީހުގައި، މީހަކު ބޭނުންވާ ނުބައި މަޤްޞަދެއް ޙާޞިލު ކުރުމަށްޓަކައި، އަނެކުންނަށް ބިރުދެއްކުމަކީ ހަނގުރާމަ ކުރުން ފަދަ ޢަމަލެއް ކަމަށާއި، އެއީ މާތްﷲ ނަހީ ކުރައްވާފައިވާ ކަމެއްކަމަށެވެ.
ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ފުރިހަމަ މުސްލިމަކީ އޭނާގެ ދުލާއި އަތުގެ އުނދަގުލުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ.
ކޮމެންޓު ފޮނުވާ