ރާއްޖެއިން އިތުރު 102 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ)އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޯވިޑަށް ޕޮޒިޓިވްވި 102 މީހުންގެ ތެރޭގައިވެސް ގިނައީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން އަތޮޅުތަކުން 81 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މާލެއިން 14 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 7 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އަލަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 90،046 އަށް އަރާފައެވެ. އަދި މިވަގުތު މިބައްޔަށް 1914 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 19 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރު 156 މީހަކު މިބަލިން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 88،871 އަށް އަރާފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،300 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.