ޑިފެންސް މިނިސްޓަރުގެ ގޭގައި މަސައްކަތް ކުރާ މުވައްޒިފެއްގެ މައްޗަށް އިރާނަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތު

ޑިފެންސް މިނިސްޓަރުގެ ގޭގައި މަސައްކަތް ކުރާ މުވައްޒިފެއްގެ މައްޗަށް އިރާނަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތު

Author
ހުސެއިން
19 ނޮވެމްބަރ 2021 07:22
0

އިސްރާއީލުގެ ޑިފެންސް މިނިސްޓަރ ބެނީ ގާންޒްގެ ގޭގައި މަސައްކަތް ކުރާ މުވައްޒިފަކު އިރާނަށް ޖާސޫސް ކޮށްދީފައިވާ ކަމުގެ ތުހުމަތު އިސްރާއީލުގެ ގައުމީ ސެކިއުރިޓީ އޭޖެންސީ ޝިން ބެޓްއިން ކޮށްފިއެވެ.

ޝިން ބެޓް ސެކިއުރިޓީ ސާވިސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިރާނާށް ޖާސޫސް ކޮށްދީފައިވާ ކަމުގެ ތުހުމަތު ކުރެވިފައިވާ، ޑިފެންސް މިނިސްޓަރުގެ ގޭގައި މަސައްކަތްކުރާ މީހާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކާކުކަން ބަޔާން ކޮށްފައި ނުވާ މީހަކާ މުޢާމަލާތު ކޮށްފައެވެ.

އަދި މި ބަޔާނުގައި ބުނެފައިވާ ގޮތުން މުވައްޒަފުވަނީ ޑިފެންސް މިނިސްޓަރުގެ ގޭގެ ފޮޓޯތައް ނަގާ، އޭނާއަށް ޖާސޫސް ކޮށްދެވިދާނެކަމުގެ ހެކި ދެއްކުމުގެ ގޮތުން އެ ފޮޓޯތައްވެސް ފޯރުކޮށް ދީފައެވެ. އަދި ޑިފެންސް މިނިސްޓަރު ގާންޒްގެ ކޮމްޕިއުޓަރަށް މެލްވެއަރ އިންސްޓޯލް ކޮށްދިނުމަށްވެސް އޭނާ ހުށަހަޅާފައި ވެއެވެ.

އިރާނުގެ ނިއުކުލިއަރ ހަތިޔާރު ޕްރޮގްރާމްގެ މައްސަލާގައި އިސްރާއީލާ އިރާނާ ދެގައުމުގެ ދެމެދުގައި އަބަދުވެސް އޮންނަމުންދަނީ ނުތަނަވަސް ކަމެވެ. އިސްރާއީލުގެ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި އިރާނު ނިއުކުލިއަރ ޕްރޮގްރާމަކީ އަސްކަރީ ގާބިލްކަން އިތުރު ކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮގްރާމެލެވެ. އަދި މެދިއިރުމަތީގައި އިސްރާއީލިގެ ދުޝްމަން ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ އިރާނުންނެވެ.

އިސްރާއީލުގެ ސެކިއުރިޓީ ސާވިސް އޭޖެންސީ ޝިން ބެޓްއިން ހާމަ ކޮށްފައިވާ ގޮތުގައި ޑިފެންސް މިނިސްޓަރުގެ ގޭގައި ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރާ މިމުވައްޒަފުގެ މައްޗަށް ޖާސޫސް ކުރުމުގެ ދައުވާ މިހާރުވަނީ އުފުލިފައެވެ. އަދި އޭނާގެ މައްސަލަ މިހާރުވަނީ ޓެލްއަވީވްގެ ކައިރީގައި އޮންނަ ސިޓީއެއް ކަމުގައިވާ ލޮޑްގެ ކޯޓަކަށް މިޙާރުވަނީ ފޮނުވިފައެވެ. އަދި ބުނެފައިވަނީ އޭނާ ހައްޔަރު ކުރެވިފައިވަނީ، ކުރިޔަށް ގެންދެވުނު ތަހުގީގަކަށްފަހު މިމަހުގެ ކުރީކޮޅު ކަމުގައެވެ.

އެހެންނަމަވެސް މިމީހާ އަދި މިހާތަނަށް އޭނާގެ އަމިއްލަ ދިފާއުގައި އެއްވެސް މަސައްކަތެއް ކޮށްފައިވާކަމެއް އެގޭކަށް ނެތެވެ.

ޖާސޫސް ކުރިކަމުގެ ތުހުމަތު ކުރެވިފައިވާ މީހާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށް ދީފައިވާ ޕަބްލިކް ޑިފެންޑާސް އޮފީހުން ބުނެފައިވަނީ، އޭނާ މަސައްކަތް ކޮށްފައިވަނީ، "މާލީގޮތުން ކުރިމަތިވެފައިވާ ވަރަށް ބޮޑު ޕްރެޝަރެއްގައި" ހުރެ ކަމަށާއި، ގައުމީ ސަލާމަތަށް ނުރައްކާ ކުރުމަކީ އޭނާގެ މަގުސަދެއް ނޫން ކަމުގައެވެ.

އަދި އޭނާ ތަމްސީލް ކުރަމުންދާ ވަކީލު، ގަލް ވޮލްފު އިސްރާއީލުގެ ކާން ރޭޑިއޯގައި ވާހަކަ ދައްކަމުން ވިދާޅުވެފައިވަނީ ޑިފެންސް މިނިސްޓަރުގެ ގޭގެ މުވައްޒިފު މަސައްކަތް ކޮށްފައިވަނީ، ޖާސޫސް ކޮށްދިނުމަކާ ނުލާ، ފައިސާ އަތުލުމަށް ކަމުގައެވެ.

"ކޮންމެ މީހަކަށްވެސް އޭނާއަށް އެއްޗެއް ދެވިދާނެ ކަމަށް ބުނެވިދާނެ. ޝިން ބެޓްގެ ބަޔާނަކީ އެއްވެސް ވަރަކަށް ކަމުގެ ހަގީގަތުގެ މައްޗަށް ލިޔެފައިވާ ބަޔާނެއް ނޫން،" ވޮލްފް ވިދާޅުވެފައި ވެއެވެ.

މި މީހާއަކީ އިސްރާއީލުގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް ވިޔަސް، އޭނާގެ ފަރާތުން އޭނާ މުޢާމަލާތު ކުރި އެއްވެސް ފަރާތަކަށް ގައުމީ ސަލާމަތާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ފޯރާފައި ނުވާ ކަމަށްވެސް ޝިން ބެޓްއިން ހާމަ ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.