100 ކިލޯގެ ޑުރަގް: 5 މީހުންގެ ބަންދަށް 15 ދުވަސް

100 ކިލޯގެ ޑުރަގް: 5 މީހުންގެ ބަންދަށް 15 ދުވަސް

ފުލުހުން މިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން 100 ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި 10 މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބި ފަސް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރީ ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްތަފާ (19އ) އާއި، ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު (34އ) އާއި، ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން (61އ) އާއި، ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ އެމްޑީ ރަފީގުލް އިސްލާމް (35އ) އާއި، ޑީއެމް މޮބިން (24އ)އެވެ. ކޯޓުން އެ މީހުންގެ ބަންދަށް ޖެހީ 15 ދުވަހެވެ.

މިމީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓައެވެ. މި އޮޕަރޭޝަންގައި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ އެހީތެރިކަން ލިބިގެންގޮސްފައިވާކަން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ފާހަގަ ކުރެއެވެ.

މިއީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޚާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ. މިއޮޕަރޭޝަންގެ އިތުރުން، މި ފަހުން ހިނގުނު އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އެ އޮޕަރޭޝަންގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *