ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްދު ނަޝީދުގެ ޤާނޫނީ ވަކީލް އިނގިރޭސިވިލާތުގެ ޖެނިން ކާސްޓީ ބްރިމްލޯއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ އިއްޔެ މުލިޔާގޭގައެވެ.
ރައީސް ޞާލިޙައި ބައްދަލުކުރެއްވިކަން ހާމަކުރައްވާފައިވަނީ ރައީސް ނަޝީދުގެ ޤާނޫނީ ވަކީލް ޖެނިން ކާސްޓީ ބްރިމްލޯއެވެ. ރައީސް އޮފީހުން އެކަން ހާމަކޮށްފައެއް ނުވެއެވެ.
ޖެނިން ކާސްޓީ ބްރިމްލޯ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރައީސް ޞާލިހާއި މަޝްވަރާކުރެއްވީ ދިވެހި ރައްޔިތުންނާއި އޭނާގެ މުވައްކިލު ނަޝީދުއާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކާ ގުޅޭގޮތުންނާއި، މެއި 6ގައި ރައީސް ނަޝީދު އަވަހާރަކޮށްލަށް ދިން ހަމަލާއާ ގުޅޭ ގޮތުންކަމަށެވެ. ބްރިމްލޯ ވަނީ ރައީސް ޞާލިޙްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲއާއި، އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފާއި، ރައީސް ނަޝީދަށް ދިން ހަމަލާ ތަހުގީގްކުރާ މެއި6 ކޮމިޓީއާއިވެސް ބައްދަލުކުރައްވާފައެވެ.
Meeting with President Solih today in Male’ in relation to acts of terrorism against the people of the Maldives and my client the Speaker & former President @MohamedNasheed and the attempted assassination of Mohamed Nasheed on 6 May 2021.#maldives pic.twitter.com/F8AyN7BkXI
— Kirsty Brimelow QC (@Kirsty_Brimelow) November 11, 2021
ބްރިމްލޯ ވަނީ މީގެ ކުރިންވެސް ރައީސް ނަޝީދުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އެގޮތުން ޤާޟީ ޢަބްދުﷲ މުޙައްމަދު (ޢަބްދުﷲ ޤާޟީ) ހައްޔަރުކުރި މައްސަލާގައިވެސް ރައީސް ނަޝީދާއި ދެކޮޅަށް ދައުލަތުން އުފުލި ދައުވާތަކާއި ގުޅިގެން ރައީސް ނަޝީދުގެ ޤާނޫނީ ޓީމުގައި މަސައްކަތްކުރައްވާފައިވެއެވެ.
މެއި6ގެ ހަމަލާއާއި ގުޅިގެން އެކުލަވާލި ރައީސް ނަޝީދުގެ ޤާނޫނީ ޓީމުގައި ދެން ހިމެނިވަޑައިގަންނަވަނީ އެމަނިކުފާނުގެ ކޮއްކޯފުޅު ޤާނޫނީ ވަކީލް ނާޒިމް ސައްޠާރެވެ.
މެއި6ގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދެވުމަށްފަހު ރައީސް ނަޝީދު މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެމަނިކުފާނު މިހާރު ހުންނަވަނީ ދައުލަތުގެ ބެލުމުގެ ދަށުން ހޮޓެލް ޖެންގައެވެ. މެއި 6ގެ ހަމަލާގެ ތުހުމަތުގައި މިހާތަނަށް 10 މީހަކު ހައްޔަރުކޮށް ވަނީ ދަޢުވާ އުފުލާފައެވެ.