އަހަރެން މިހާތަނަށް ހީކުރަމުންއައީ، މުސްތަފާބޭ ޖަހާ ހެޔޮ ވެރިކަމުގެ ޑަންޑޫރާއަކީ، ހަމަ ހަގީގަތުގައިވެސް ހެޔޮ ނިޔަތެއް އޮވެގެން ޖަހަމުން އައި އެއްޗެއްކަމަށެވެ. ރައްޔިތުންނާއެކު ވީހާލެއްގައިވާން، މުސްތަފާބޭ އަގަމަތި މަސްދޯންޏެއްގައި ރަށްރަށަށްގޮސް ދައްކަމުން ދިޔަ ވާހަކަތަކަށް ހެއްލި، މުސްތަފާބޭގެ އަވާގައި ޖެހި، ރަގަޅުކަމެއްގެ އިންތިޒާރުގައި މަސައްކަތްކުރި ހުރިހާ ޒުވާނުންނާއި މަސައްކަތްތެރިންގެ މޫނުމަތީގައި ތިޔަ ޖަހާލީ ހާދަހާވާ ވަރުގަދަ އެތިފަހަރެކެވެ.
މުސްތަފާބޭއެވެ. ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުންނެވެ. މި ޒުވާނުންނަށް ތިޔަވަރު ކޮޅުކެއްސެއް ދޭން ހެޔޮ ނުވާނޭ ނޫންތޯއެވެ. މުސްތަފާބޭ ތިޔަ ކުރެއްވި ކަމަކީ، ނުހަނު ފޮނި އުއްފީދެއްގައި ތިބި އެތައް ޒުވާނުންނެއް މުޅިން މާޔޫސްކޮށްލީ ނޫންތޯއެވެ. ގައުމަށް އެންމެބޮޑު އާމްދަނީއެއް ވަންނަ މައިދޮރޯރާއްޓަކީ، ފަތުރުވެރިކަމުގެ ދާއިރާއެވެ. އެދާއިރާގައި މަސައްކަތް ކުރަންތިބި ބޮޑު ޕަސެންޓަކީ ގައުމުގެ ޒުވާނުން ނޫންތޯއެވެ. ޒުވާނުންގެ ޢާއިލާތަކަށް މުސްތަފާބޭ ތިޔަދިން މިނިމަމްވޭޖްގެ ހަދިޔާވެގެންދާނީ، ޒުވާންކަމުގެ ޖޯޝްގެތެރެއަށް ދޫކޮށްލީ ވިހަގަދަ ހަރުފައެއް ފަދަ އެއްޗަކަށްނޫންތޯއެވެ.
މިހާތަނަށްވެސް މުސްތަފާބޭ ދެއްކެވި ވާހަކައާއި ޢަމަލާއި ބަހާ ދިމާނުވާކަމަށް ވަރަށްގިނަ މީހުން ބުނެއެވެ. އެހެންނަމަވެސް އިންތިހާބުތަކާ ދިމާކޮށް މުސްތަފާބޭ ދައްކަވާ ވާހަކަތަކަށް މީހުން މާބޮޑަށް ހެއްލެނީއެވެ. މުސްތަފާބެއަށް ހުރިހާކަމެއް ދަސްކޮށްދޭ ދޮންމީހުންގެ ކިބައިން ވާހަކަދެއްކުމުގެ ހުނަރު ދަސްކުރީމާ، އޭގައި އަހަރެމެން މާ އަވަހަށް ޖެހެވެނީއެވެ. މުސްތަފާބޭ ބުނަންހެއްޔެވެ. ދެން އެހެނެއް ނުވާނެއެވެ. ހަމަހިލާ އެހެންވިޔަކަ ނުދޭނަމެވެ.
މުސްތަފާބޭއެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ، އިއުލާންކުރިއިރު، ތިޔަ ވިސްނާލީ ކޮންކަމަކަށް ހެއްޔެވެ. ތިޔަ ކަނޑައެޅި އުޖޫރައިން ބަނޑުފުރާނަ މުއްތިކުރެވޭނީ ކާކަށް ހެއްޔެވެ. ތިޔަ ކަނޑައަޅާލި އުޖޫރައަކީ، ދޭތެރެއަކުން ސޯޝަލް މީޑިއާގައި ތިޔަ ޕޯސްޓްކޮށްލާ، ބައުންސް ޗެކު ޕޯސްޓްކޮށްލާ ކުއްޖާއަށްވެސް މުސްތަފާބޭ ދޭ އަދަދަށްވުރެ ކުޑަ އުޖޫރައެއް ނޫންތޯއެވެ. އެންމެކުޑަ އުޖޫރައޭ ބުނީމާ، މުސްތަފާބޭއަށް ހީވަނީ އެ އުޖޫރަ ކުޑަވާން ޖެހޭނެކަމަށް ހެއްޔެވެ.
ގައުމުގެ އިގްތިސާދުގެ މައި ސޯބުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް އެއް ހާހުގެ ދެ ގަނޑުން މުސާރަ ހަމަޖައްސާލާފައި، މުސްތަފާބޭއާއި މުސްތަފާބޭގެ އަރިސްބޭކަލުން، ދައުލަތުގެ ބައިތުލްމާލުން، ލައްކައިން މުސާރައާއި އިނާޔަތް ނަންގަވައިގެން ތިއްބެވުމަކީ، އެންމެ ރަގަޅު ގޮތް ތޯއެވެ.
މުސްތަފާބޭއެވެ. ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުން މިހާރުވެސް ޚަރަދުތައް ހަމަޖައްސަނީ ދެ ތަނެއްގައި ވަޒީފާ އަދާކޮށްގެނެވެ. އެހެން ތިއްބާ، އަނެއްކާވެސް، ތިޔަ ޖަހާލި ސަކަރާތަކުން، އެވެރިންގެ ގަޑިތައް ތިޔަ އުޅުއްވަނީ ދަންމާލާކަށް ނޫންތޯއެވެ. ކުރީފަހަރު ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަކޮޅު، ހިފެހެއްޓީއެވެ. މިފަހަރު ވަގުތު އިތުރުކޮށްލަނީއެވެ. މުސްތަފާބެއާއި ސިވިލް ސަރވިސް މުވައްޒަފުންނާ މިއޮންނަނީ ކޮންފަދަ ލޯތްބެއް ހެއްޔެވެ.
މުސްތަފާބޭއެވެ. ގައުމުގެ އިގްތިސާދު ފުޑިއްޖެއެވެ. ރިޒާވް ހުސްވެއްޖެއެވެ. ރައްޔިތުން ބިކަ ވެއްޖެއެވެ. ޑޮލަރު އަތް ނުފޯރާފަށަށް ހިގައްޖެއެވެ. ތަކެތި އަގުބޮޑު ވެއްޖެއެވެ. ކަރަންޓުބިލު ފެނުމުން ކަރަންޓުގައި ނުޖެހޭ ރައްޔިތަކު ނެތެވެ. ސަރުކާރުން ހޮސްޕިޓާތަކާއި ސްކޫލްތައް ސުކޫކުން ވިއްކިއަސް، ރައްޔިތުންގެ އަތުގައި ސުކޫކަށް ވިއްކާނެ އެއްޗެއް ނެތެވެ. މަންމަގެ ފައްޓަރުބައިވެސް ނެތެވެ. ކަޅު ބިއްލޫރި ޖެހި ކާރެއްގެ އެތެރޭގައި މުސްތަފާބޭ އިންނައިރު، ރައްޔިތުންގެ ހާލު ނޭގިދާނެއެވެ. ރައްޔިތުންގެ އުޅޭ ހާލުގެ އަޑު މުސްތަފާބޭއަށް މިހާރު އިއްވާލެވޭކަށްވެސް ނެތެވެ. ކާރުގައި އިންނަ އިރު، ކާރު ވަށައިގެން މީހުން ދުވަނީއެވެ. ނިދާލަނީވެސް ތަންގަނޑު އެންމެން ހުސްކޮށްފައިކަމަށް ނޫސްތަކުން ޚަބަރު ދެއެވެ.
މުސްތަފާބޭއެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މުސްތަފާބޭ ތިޔަ ވިސްނީ ކޮން ސިކުޑިއަކުންތޯއެވެ. ދިވެހިންނަށް ކުޑަ އުޖޫރައެއް ކަނޑައަޅާފައި، ބިދޭސީން އެ އުޖޫރައިން އިސްތިސްނާ ކުރުމުން، މިހާރަށްވުރެ ދިވެހިން ނިކަމެތި ނުވޭތޯއެވެ. މިގޮތަށް ކަންތައް ކުރުމުން ދިވެހިންގެ ވަޒީފާ ގެއްލުމަށް ފުރުސަތު ފަހި ނުވޭތޯއެވެ. މުސްތަފާބޭ ތިޔަ ވިދާޅުވާ ތާހިރު ދިރިއުޅުން ލިބޭނީ ކިހިނެއްތޯއެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި އާއްމުކުރިއިރު، އަޅާ ކިޔާލި ގައުމުތަކާ ރައްޖޭގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތް މުސްތަފާބޭ ބަލާލީމު ތޯއެވެ. މުސްތަފާބޭގެ ކޮންމެ ސިޔާސަތެއްވެސް ތިޔަ ހުންނަނީ ތިޔަ ގޮތަށެވެ. ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހެއް ބަހައްޓައިގެން ޑޮލަރުގެ އަގު ކޮންޓްރޯލް ވާނެކަމަށްވެސް މުސްތަފާބޭއަށް ހީވިތާއެވެ.
މުސްތަފާބޭއެވެ. ސަރުކާރާ، މަޖިލީހާ، އަދުލް އިންސާފުގެ ފުރިހަމަ ކޮންޓްރޯލް އޮތްއިރު، ދައުލަތުގެ ހުރިހާ މުސާރައެއް ތިޔަ އެންމެ ކުޑަ މުސާރައާ އެއްހަމަ ކޮށްލަބަލާށެވެ. ސިޔާސީ މީހުންނާ، މެމްބަރުންގެ މުސާރަވެސް ރައްޔިތުމީހާގެ މުސާރައާއި ހަމަހަމަ ކޮށްލަބަލާށެވެ. ވީހާލެއްގައި ވުމަކީ މިއީ އެއް ނޫންތޯއެވެ.
މުސްތަފާބޭއެވެ. ރައްޔިތުން ހައްލުވަން ހަދާ، އަނގަމަތީ މަސްދޯނި ތަކުގައި ރަށްރަށަށް އަރައި މީހެއްގެ އަނބަކަށް ފިރިއަކަށް ނުބަލާ ބައްދައި ގައިގޯޅިވެ އެތައްސަކަރާތެއް ޖަހައި، ހިތްތިރި މީހެއްކަށް ވާން މުސްތަފާބޭ އުޅުއްވީކޮން މަގުސަދެއްގައި ހެއްޔެވެ. މީހުންގެ ކޮޑުމަތީގައި ރަށްރަށަށް ފައިބައި އެމީހުން އަތުން ކުރުބާބޮއި ގޭމީހުންނަށް ތެއްލި ބަބުކޭލާ، ކުރު ކައްޓާލައާ ދަނޑިއަލުވި ބޯކިބަލާ، ކާއްޓާއި، ފަތު ބޮނޑި ފަދަ ހަދިޔާތައް އަތުލައި މޮޅުވާހަކަތައް ދައްކާ މިރަށަށް މަސްފެކްޓަރީ ހަދައިދޭނަމޭ، އަނެއްރަށު މަގުތަކުގައި ތާރުއަޅާނަމޭ، ޓެސްޓްތައް ކުރެވޭނެ ހުރިހާ ކަމެއް ކޮށްދޭނަމޭ، ޓާޝަރީ ހޮސްޕިޓަލް އަޅައިދޭނަމޭ، ބޭބީ ބޮކްސްދޭނަމޭ ވިދާޅުވެ ވަޢުދާއި އަހުދުވެ، ރައްޔިތުންނަށް މަލާމާތް ކުރަމުން ފުރައިގެންދަނީއެވެ.
މުސްތަފާބޭމެން ވެރިކަން ލިބުނީމައި ރައްޔިތުން ނިކަމެތިކޮށް އެންމެފަހުން ދަންނަ ބަޔަކަށްވެސް ނުހަދައެވެ.
މުސްތަފާބޭމެން އަބަދުވެސް ތިޔަ އޮޅުވާލަނީ ނޫންހެއްވެ. ލާމަރުކަޒީ ނިޒާމޭ ކިޔައި ކައުންސިލްތަކަށް ބާރުތައްދީފީމޭ، ބަޖެޓްދީފީމޭ ބުނެ އޮޅުވާލާ އޮޅުވާލުންތައް ރައްޔިތުންނަށް ދެނެއް އޮޅުވައެއް ނުލެވޭނެއެވެ. ކައުންސިލްތަކަށް ދީފައި އޮތީ ކޮންބާރެއްތޯއެވެ. އެންމެ ކުޑަމިނުން ރަށުގައި އޮންނަ ހުސްބިންކޮޅެއްވެސް ދޫކުރެވެނީ، މާލޭގައި ހުންނަ ކޮންމެވެސް މިނިސްޓްރީއަކުން ހުއްދަ ލިބިގެންނޫންތޯއެވެ. ބަޖެޓްގައި އޮންނަނީ ހިސާބު އަދަދުތަކެވެ. ކޮންމެ ތިންމަހަކުން އެތިކޮޅެކެވެ.
މުސްތަފާބޭއެވެ. މިއުޅެނީ ލޮލަށް ބޭސްތިއްކެއް ޖަހާކަށްނޫނެވެ. ވެރިކަމަށް އަންނަންވެގެން މުސްތަފާބެ ކުރާހާވެސް ކަމަކީ، ނިކަމެތި ރައްޔިތު މީހާގެ ބޮޑު ފޮށީގައި ފޮރުވާފައި އޮންނަ ލާރިފޮތި ނަގައި، އެ ވިއްކައިގެން ރަށުގެ މަގުތަކާ ގޯޅިތަކުގައި ކުލަބޮކިލާ، ދިދަ ފަތިތަކާ ބެނާތައް ދަމައި، މަގުތައް ޖަރީކޮށް، ތާޅަފިލިތަކާ ދުންމާރިތަކުން އަޑުގަދަކުރުން ނޫންތޯއެވެ. މުސްތަފާބޭއަތުން އެންމެ ލާރިފޮއްޗެއްވެސް ޚަރަދުނުކޮށް ރަށްރަށުގެ ރައްޔިތުން އަތުން ބޮޑު ޚަރަދުތައްކޮށް، މީރުކޮށް ފަރިއްކުޅުވައި ބިންމައްޗަށް ރައްކުޅުޖަހައި މުސްތަފާބެއަށްވީ މޮޅައިގެން ފުރައިގެންދަނީ ނޫންތޯއެވެ.
އަމާންކަމާ ސުލްހަވެރި ދިރިއުޅެއްގައި އުޅޭ ބައެއްގެ މެދުގައި މި އުފައްދަނީ ފިތުނަނޫންތޯއެވެ.
ރަށްރަށުގެ ފަޅުމަތީގައި ބޮޑެތި ސްޓޭޖްތައް ހަދައި ވައްކަމޭ އަނިޔާވެރިކަމޭ، ރައްޔިތުންގެ ޖީބަށް ޑޮލަރޭ، ތާހިރު ދިރިއުޅުމޭ، ނައިޓަށް ރަށަށްދެވޭނޭ ކިޔައިގެން އަޑުގަދަކޮށް، ރައްޔިތުންގެ ބޮލަށް ޗިޕްޖަހައި އެންމެފަހުން ވެރިކަން ލިބުނީމައި މިނިމަމްވޭޖްގެ ގޮތުގައި ތިޔަ ކަނޑައަޅާލީ ޒުވާނަކަށް އެސްޕްރެސޯއެއްވެސް ބޮއިނުލެވޭ ވަރުގެ ވޭޖެއް ނޫންތޯއެވެ. މީއަޅެފަހެ ދޮގެއްތޯއެވެ.
ކޮމެންޓު ފޮނުވާ