އައްޑޫ ސިޓީގައި ކޯވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެއެވެ.
ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ މަރުވެފައިވަނީ އުމުރުން 81 އަހަރު ދިވެހި ފިރިހެނެއް ކަމަށެެވެ. އެ މީހާ މަރުވީ މިއަދު މެންދުރު 1:33 ގައެވެ.
މި މަރާއިއެކު ކޯވިޑްގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ ވަނީ 247 އަށް އަރާފައެވެ. އަދި އައްޑޫން ކޯވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 11 އަށް އަރާފައެވެ. މިއީ މި މަހުގެ ތެރޭގައި މަރުވި ތިންވަނަ މީހާއެވެ.
ކޯވިޑް ޖެހޭ މީހުންގެ އަދަދު މިދިޔަ ދުވަސްތަކުގައި މަދުވި ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ރާއްޖެ އިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 89255 އަށް އަރާފައެވެ. މިހާތަނަށް 86899 މީހުން ވަނީ ކޯވިޑުން ރަނގަޅު ވެފައެވެ.