ރާއްޖެއިން އިތުރު 129 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި 129 މީހުންގެ ތެރޭގައި ގިނައީ އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވީ މީހުންނެވެ.
އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވި 103 މީހުންނާއި މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 20 މީހުން އަދި ރިސޯޓްތަކުން ބައްޔަށް ޕޮޒިޓިވްވި 2 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ އަދުވަނީ 89،255 އަށް އަރާފައެވެ.
މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދަކީ 2،097 އެވެ. މީގެތެރެއިން 15 މީހުންނަށް ފަރުވާދެމުންނައަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 112 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 86،899 އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3،424 ސާމްޕަލެއް ވަނީ ކޯވިޑަށް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 246 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.
ކޮމެންޓު ފޮނުވާ