މާތް ﷲގެ ކަލާންފުޅަށް ކުޅުޖަހައި ހަދައިރުވެސް، އެކަން ސަރުކާރާއި، ކަމާއިބެހޭ އިދާރާތަކުގެ ސަމާލުކަމަށް ނައިސް އުޅޭކަމީ އަޖައިބުވާ ކަމެއްކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު ޒައިދު މިފަދައިން ވިދާޅުވީ މީގެ ކުރިންވެސް މިސްކިތްތަކަށް އަރައި ކުޑަކަމުގޮސް، މިސްކިތަކަށް އަރާ، މިސްކިތުގައި ބާއްވާފައި އޮތް ޚަތިމަކަށް ކުޅުޖެހައި ހަދަމުންދާއިރުވެސް އެމީހާ ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭތީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޝައިޚު ޒައިދު ވިދާޅުވީ މިމައްސަލައަކީ އިސްލާމީޤައުމެއްގެ އެންމެ މައްޗާ ތިރިއަށް ގުޑުން އަންނަންޖެހޭ ވަރުގެކަމެއްކަމަށެވެ. އަދި މިއީ މަޖިލީހުގައި ކުއްލި ޖަލްސާ ބާއްވައި، ސަރުކާރާއި، ކޯޓުތައްވެސް ހޭލަންޖެހޭ ވަރުގެ ކަމެއްކަމަށެވެ.
މާތް ﷲ ގެކަލާމް ފުޅަށް ކުޅުޖަހައި ތައުހީނުކުރުމީ އިސްލާމީޤައުމެއްގެ އެންމެ މައްޗާ ތިރިއަށް ގުޑުން އަންނަންޖެހޭ ވަރުގެކަމެއް! މަޖިލިސްއިން ކުއްލި ޖަލްސާބާއްވައި މުޅި ސަރުކާރުވެސް އެލާޓަށްއައިސް ކޯޓުތައް ހޭލަންޖެހޭވަރުގެ ކުށް މިހުންނަނީ! މިކަންބޮޑުކަމަކަށް ވެގެންނޫޅޭތީ އަޖާއިބުވަން!
– ޒައިދު ވިދާޅުވިއެވެ.
މި މީހާ ފުރަތަމަ ފަހަރަށް ހައްޔަރުކުރީ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ މިސްކިތުބަޔާއި އަދި ރައީސް އޮފީސް ދޮރުމައްޗަށް ކުޑަކަމުދިޔަ މައްސަލައިގައެވެ. އެއީ މިދިޔަ މަހުގެ 3ވަނަ ދުވަހުއެވެ. އެފަހަރު ދެ ފަރަތެއްގެމަތިން ބަންދުގެ މުއްދަތު އިތުރުކޮށް އޭނާ ބަންދުކޮށްފައިވެއެވެ.
މައްސަލައިގެ ތަހުޤީގު ނިންމައި ދަޢުވާކޮށްދިނުމަށްއެދި، މިދިޔަ މަހުގެ 24ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުންވަނީ ފޮނުވާފައެވެ. އެ މީހާ ފުލުހުންގެ ބެލުމުގެދަށުން ދޫކޮށްލީ މިދިޔަ މަހުގެ 25ވަނަ ދުވަހުއެވެ.
މިސްކިތާއި ރައީސް އޮފީސް ދޮރުމައްޗަށް ކުޑަކަމުދިޔަ މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް ފުލުހުން މީގެކުރިން ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީގައި ވާހަކަދައްކަވަމުން، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވަނީ އެނާއަކީ މަސްތުވާތަކެތީގެ ވަބާގަ ޖެހިފައިވާ މީހެއްކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ