ރާއްޖެއިން އިތުރު 119 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި 119 މީހުންގެ ތެރޭގައި ގިނައީ އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވީ މީހުންނެވެ.
އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވި 96 މީހުންނާއި މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 18 މީހުން އަދި ރިސޯޓްތަކުން ބައްޔަށް ޕޮޒިޓިވްވި 5 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ އަދުވަނީ 88،635 އަށް އަރާފައެވެ.
މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދަކީ 2،075 އެވެ. މީގެތެރެއިން 28 މީހުންނަށް ފަރުވާދެމުންނައަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 12 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 86،302 އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3،685 ސާމްޕަލެއް ވަނީ ކޯވިޑަށް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 245 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.
ކޮމެންޓު ފޮނުވާ