އިންޑިއާގެ އާސަފީރު މަހާވަރު މަޤާމާއި ހަވާލުވެ ވަޑައިގެންފި

އިންޑިއާގެ އާސަފީރު މަހާވަރު މަޤާމާއި ހަވާލުވެ ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
05 ނޮވެމްބަރ 2021 10:04
0

އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މުނޫ މަހާވަރު ރަސްމީކޮށް އެ މަގާމަށް އައްޔަންކުރައްވާ އޭނާ އަށް ސަފީރު ކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

އިންޑިއާގެ ރައީސްގެ ރިޔާސީގަނޑުވަރު، ރާސްތުރަޕަތީ ބަވަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަފީރު މުނޫ އަށް މަގާމުގެ ފަތްކޮޅު އެރުވީ އިންޑިއާގެ ރައީސް ރާމް ނާތު ކޮވިންދުއެވެ.

އިންޑިއާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައެޅީ އެ މަގާމުގައި ހުންނެވި ސަންޖޭ ސުދީރު އިންޑިއާ އިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަން ކުރަން ނިންމުމުންނެވެ. ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރުކަމާ އޭނާ ހަވާލުވެ ވަޑައިގަތީ މާޗް، 2019 ގައެވެ. ބައެއް ގައުމުތަކުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ތަކުގައި މީގެކުރިން މަސައްކަތް ކުރައްވާފައިވާ މުނޫ މަހާވަރު އޮމާންގެ ސަފީރު ކަމާ ހަވާލުވެވަޑައިގަތީ އޮގަސްޓް 21، 2018 ގައެވެ.

މި ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ވަނީ ބަދަހިވެފަ އެވެ. އެގޮތުން އެކި މަޝްރޫއުުތަކަށް އިންޑިއާއިން ދަނީ އެހީވަމުންނެވެ. މި ސަރުކާރުގެ ބޮޑު މަޝްރޫއު ކަމަށްވާ މާލެ އާއި ވިލިމާލެ އަދި ތިލަފުށްޓާއި ގުޅީފަޅު ގުޅުވާލުމުގެ މަޝްރޫއު ވެސް ހިންގަނީ އިންޑިއާ ސަރުކާރުގެ އެހީގައެވެ. އިންޑިއާއާއިއެކު ސަރުކާރުން އަޑި ނޭގޭ ސިއްރު އެއްބަސްވުން ހަދާކަމަށްވުނެ އިދިކޮޅު ފަރާތްތަކުން ދަނީ ހުއްޓުމެއްނެތި މުޒާހަރާ ކުރަމުންނެވެ. އަދި ރާއްޖޭގައި ތިބި އިންޑިޔާގެ މިލިޓަރީ ސިފައިން ބޭރު ކުރުމަށް ޚާއްސަ ޕެޓިޝަނެއްވެސް ދަނީ ހަދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.