މިޤައުމަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަަކަށްވުމުން، އެކަމާއި ދެކޮޅުހަދާ ބަޔަކު އެބައުޅޭ: ޚުތުބާ

މިޤައުމަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަަކަށްވުމުން، އެކަމާއި ދެކޮޅުހަދާ ބަޔަކު އެބައުޅޭ: ޚުތުބާ

Author
މުޙައްމަދު ޝަޒައިމް
05 ނޮވެމްބަރ 2021 01:30
0

ކޮންމެ މީހަކީ ޤިޔާމަތް ދުވަހުން އެމީހެއްގެ މަސްއޫލިއްޔަތާ މެދު ޖަވާބުދާރީ ވާންޖެހޭނެ ފަރާތެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ޚުތުބާ ޚާއްސަ ކޮށްފައިވަނީ އިސްލާމްދީނުގެ މަތިވެރި ނިއުމަތަށެވެ. ޚުތުބާގައި ބުނެފައިވަނީ މިހާރަކަށް އައިސް މި ސައްތައިން ސައްތަ މުސްލިމް ޤައުމުގެ ބައެއް މީހުންގެ ފުށުން، އިސްލާމް ދީނާ ދެކޮޅު ޢަމަލުތައް ފެންނަމުންދާކަމަށެވެ. އިސްލާމް ދީނުގެ ނަމުގައި، މީހުންގެ މުދަލަށް ގެއްލުންދިނުމާއި، މީހުން މެރުމާއި، އަނިޔާވެރި ޢަމަލުތައް ހިންގުމަށް ގޮވާލުމާއި، ދީނާމެދު ނަފުރަތު އުފެއްދުމުގެ ޢަމަލުތައް ހިންގުމަކީ އިސްލާމް ދީނަށް ކުރެވޭ ވަރަށް ބޮޑު އިހާނެތިކަމެއްކަމަށާއި، ކިތައްމެ މަދުން ނަމަވެސް، ފާޅުގައި، އިސްލާމް ދީނަށް ފުރައްސާރަ ކުރާ ބަޔަކު އުޅޭކަމީ، ހިތާމަހުރި ކަމެކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އަދި އަހަރެމެން ކުރެ ކޮންމެ މީހަކީ ޤިޔާމަތް ދުވަހުން އެ މީހެއްގެ މަސްއޫލިއްޔަތާ މެދު ޖަވާބުދާރީވާންޖެހޭނެ ފަރާތެއްކަން ދަނެ، މާތް ﷲ އަށް ބިރުވެތިވުމަށް ނަސޭހަތްތެރިވަން.

– ޚުތުބާގައި ވެއެވެ.

މީސްމީޑިޔާ ގައި، ފާޅުގައި، ނުވަތަ ވަގުއެކައުންޓުތައް ހަދައިގެން، އިސްލާމް ދީނާ މެދު ޝައްކު އުފައްދައި، އިސްލާމް ދީނަށާއި، އިސްލާމީ ޝިޢާރުތަކަށް ޖޯކު ޖަހައި، ދީނުގައި ކަނޑައަޅުއްވާފައިވާ ޙައްދުތަކާ މެދު ޝައްކު އުފެއްދުމަށް ކުރަމުން ގެންދާ ހަޑި މުޑުދާރު، ޢަމަލުތައް ވަގުތުން ހުއްޓާލާއި އިސްލާމް ދީނާ ބެހޭ ޞައްޙަ، މަޢުލޫމާތު ހޯދައި، އިޞްލާހު ވުމަށް މިފަދަ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާ އެކު ގޮވާލައި ޚުތުބާގައިވަނީ ނަސޭހަތްތެރިވެފައެވެ.

އަދި މި ދަނޑިވަޅުގައި، ދިވެހި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި، ޤައުމުގެ އަމްނުއަމާންކަން ދެމެހެއްޓުމަށް ހެދިފައިވާ ޤާނޫނުތަކުގެ ހެދިފައިވާ ޤާނޫނުތަކުގެ ދަށުން، މި ފަދަ ކުށްވެރި ޢަމަލުތައް ހިންގާ ފަރާތްތައް ހޯދައި، ފިޔަވަޅު އަޅައި، އެ ފަރާތްތަކުގެ ޤާނޫނީ ގަ ދިއްމާ އަދާކުރުމަށް، ކަމާ ގުޅުން ހުރި ހުރިހާ މުއައްސަސާތަކަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މާތް ﷲ، ދިވެހިރާއްޖެ އަށް، އިސްލާމީ ނޫރުގެ އަލިކަން މިންވަރު ކުރެއްވުމުގެ މަތިވެރި ނިޢުމަތަށް ޝުކުރުވެރި ވުމަކީ އަހަރެމެން އެންމެންގެ ވާޖިބެއްކަން ހަނދާން ކުރުމަށް ޚުތުބާގައި އިރުޝާދު ދީފައިވެއެވެ.

މި ޤައުމަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާތީ އެކަމާ ދެކޮޅުހަދާ ބަޔަކު އުޅޭކަމަށާއި، ސައްތައިން ސައްތަ ސުންނީ ޤައުމަކަށް ވާތީ އެކަމާވެސް ހަސަދަވެރިވާ ބަޔަކު އުޅޭކަމަށެވެ. ދިވެހިރާއްޖެ އިސްލާމްވުމާ އެކު، ރާއްޖެ އިސްލާމް ދީނުން ބޭރަށް ނެރެވޭތޯ އެކި ދުވަސްވަރު، ތަފާތު އެތައް މަސައްކަތްތަކެއް ކޮށްފައިވާކަން ތާރީޚު ހެކިދޭކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެންމެ ފާޅުކަންބޮޑު ގޮތެއްގައި، މިކަން ކޮށްފައިވަނީ، ޕޯޗުގީޒު އިސްތިޢުމާރުގެ ޒަމާނުގައިކަމަށާއި، އިސްތިޢުމާރީ ޤައުމުތަކުން އެކި ޤައުމުތަކަށް އަރައި، އެޤައުމުތަކުގެ މީހުން އެމީހުންގެ ދީނުން ބޭރުކުރަމުން އައިސް، ދިވެހިރާއްޖެ ވެސް ގަދަކަމުން އެމީހުންގެ ދީނަށް ވެއްދޭތޯ ވަނީ ގިނަގުނަ މަސައްކަތް ކޮށްފައިވާކަމަށެވެ. އެމީހުންގެ މަސައްކަތް ނާކާމިޔާބުވެ، ރާއްޖެ އިސްލާމް ދީންމަތީ ދެމިއޮތީ، މާތް ﷲ ގެ ފަޟްލުވަންތަކަމަށްފަހު، ބޮޑުތަކުރުފާނުގެ އަގުހުރި ޖިހާދާއި، މިންނެތް މަސައްކަތްޕުޅުގެ ސަބަބުންކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.