ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގަތުލްކުރާނެ ކަމުގެ އިންޒާރު ދީގެން ހައްޔަރުކޮށްފައިވާ އިސްމާއިލް ޔާފިސް ޝަރީއަތުގެ މަޖިލީހުގައި އެއްވެސް ވާހަކައެއް ދެއްކުމަށް އިންކާރުކޮށް ޝަރީއަތުގެ އެންގުމާ ހިލާފްވެފައި ވާތީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި އަނެއްކާވެސް ހަ ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
ޔާފިސް އެންމެ ފުރަތަމަ ރ. މީދޫން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް އެ އަތޮޅު އުނގޫފާރު ކޯޓަށް ހާޒިރުކުރުމުން ވެސް ކޯޓުގެ ހުރުމަތް ކެނޑުމުން 15 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ބަދުރު ހަނގުރާމައިގެ ދުވަހު އަބޫޖަހުލަށް ހެދި ގޮތް ނަޝީދަށް ހަދާނެ ކަމަށް ބުނެ ފޭސްބުކްގައި އިންޒާރު ދިން މައްސަލައިގައެވެ. ނަމަވެސް ހައްޔަރުކުރި ފަހުން އެނގިފައިވާ ގޮތުގައި އޭނާ ވަނީ ތަކުރާރުކޮށް އެތައް ފަހަރަކު މީސް މީޑިއާގައި ނަޝީދަށް އިންޒާރުދީފައެވެ.
ޔާފިސް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރީ އޭނާގެ މައްޗަށް ތުހުމަތުވާ ކަންކަމުގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހުން ފޮނުވުމަށް ފަހު، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދިއެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމަށް ފަހު ގާޒީ ދީބާނާޒް ފަހްމީ ނެރުއްވި އަމުރުގައިވާ ގޮތުން ޔާފިސް އަކީ ވާހަކަ ދެއްކުމުގެ ގާބިލްކަން ހުރި މީހެއް ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަން ތަކުރާރުކޯށް ފުރުސަތު ދިނުމުން ވެސް ވާހަކައެއް ނުދެއްކިއެވެ. ޔާފިސްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން މިހާރު ވަނީ ތިން ދައުވާއެއް އުފުލަން ނިންމާ އެދައުވާތައް ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ.
އޭނާއާ ދެކޮޅަށް އުފުލި ފުރަތަމަ ދައުވާއަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ. މިއީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކުށެކެވެ. ދެވަނަ ދައުވާއަކީ ހަމަ އެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރު ދެއްކުމުގެ ކުށުގެ ދައުވާއެވެ. މިއީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކުށެކެވެ.
ތިން ވަނަ ދައުވާއަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމެވެ. މި ކުށުގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެހެންކަމުން ޔާސިފްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ގިނަވެގެން 26 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެއެވެ.
One Response
ހޭނުޖެހޭ މީހަކު އިންޒާރެއްދިނީމަ އަންނި އަށް ދިވެހި ރައްޔިތުންގެ އެތަށް ބައިވަރު ރުފިޔާއެއް ސެކިއުރިޓީ ގޮތުގައި ހޭދަކުރުން އޯކޭ .. ނިކަމެތި މީހާ އިންޒާރާ އެކީ ކައްވަޅަށް .. ކިހާ އިންސާފުވެރި… ޔާފިޒު އަކީ ހޭނުޖެހޭ މީހެއް އޭނާގެ މިފަދަ އެތަށް ރެކޯޑެއް އޮވޭ .. ހެޔޮނުވާނެ ކަލާމެން ހޭޖެހޭ ބޮޑެތި މީހުން ތިހެން ހަދަން … މިނޫން ދުވަހެއް އެބައޮތޭ .. އިންސާފު ލިބޭނެ އެދުވަހުން ހަމަ ޔަގީން ….