ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މާލޭގައި ޕްރީ ސްކޫލެއް ހިންގަވަން ފައްޓަވައިފިއެވެ.
ޑރ.ޝަހީމްއަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުންދާ ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ ތައުލީމީ ދާއިރާގައި އުގަންނައި ދިނުމަށާއި، އުގެނުމުގެ ފުރުސަތު ތަނަވަސް ކޮށްދެއްވުމަށްވެސް ގިނަ ގުނަ މަސައްކަތް ކޮށްދެއްވި ޚިދުމަތްތެރިއެވެ.
ޑރ. ޝަހީމްގެ ފޭސްބުކްގައި ވިދާޅުވީ "ކޮއްކޮމެން ޕްރީ ސްކޫލް" ގެ ނަމުގައި މާލޭގައި ހިންގަމުން ދިޔަ ޕްރީ ސްކޫލަކީ މިދިޔަ މަހުން ފެށިގެން އޭނާގެ އަމިއްލަ ތަނެއް ކަމަށެވެ. މުސްތަގުބަލުގައި އެ ސްކޫލުގެ މަގުސަދަކަށް ވާނީ، ފެންވަރު ރަނގަޅު ޒަމާނީ ތައުލީމެއް ފޯރުކޮށްދިނުމާއެކު، ރިވެތި އަދަބު އަހުލާގާއި ހުނަރުވެރިކަމާއި ރިވެތި ގޮތްތައް ދަސްކޮށް ދިނުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އަމާޒަކީ، ބެލެނިވެރިންނަށް ފަސޭހަވާނެ ގޮތައް، އިތުރު ޓިއުޝަނަށް ނުފޮނުވައި ސްކޫލުން ފިލި ވެސް ދަސްކުރެވޭ ވަރަށް އެހީތެރިވުމެވެ. އަދި ޢިލްމު އިންސްޓިއުޓްގައި ކުރިއަށް ގެންދެވޭ ޤުރުއާނާ ޢަރަބި ބަހާ ގުޅޭ އެންމެހާ ޕްރޮގްރާމެއްގައި ސްކޫލްގެ ދަރިވަރުންނަށް ހިލޭ ބައިވެރިވެވޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
މި ސްކޫލުން ކޮންމެ އަހަރަކުވެސް ޔަތީމް ކުދިންނާއި އެކަނިވެރި މައިންގެ ކުދިންނަށް ހިލޭ ކިޔެވޭނެ ޚާއްޞަ ޖާގަ މާތް ﷲ އިރާދަކުރެއްވިއްޔާ ހަމަޖައްސާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އެ ސްކޫލުގެ ސިޔާސަތަކީ ކޮންމެ ކްލާސް ރޫމެއްގައި 15 ކުދިންނަށް ވުރެ އިތުރު ނުކުރުން ކަމަށެވެ. އެ ސްކޫލުގައި ފެންވަރު ރަނގަޅު އޯގާތެރި، ތަޖުރިބާހުރި ޓީޗަރުން ތިބޭނެ ކަމަށާއި ރާއްޖެއިން ބޭރުގެ ޕްރީ ސްކޫލްތަކުން މުވައްޒަފުން އިތުރަށް ތަމްރީނު ކުރެވިގެންދާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އެ ސްކޫލުން ޖާގަ ހޯދަން ވަނީ ފުރުސަތު ހުޅުވާލައިފައެވެ.
ކޮމެންޓު ފޮނުވާ