އެޑިއުކޭޝަން ދާއިރާގައި ޖިންސީ ގޯނާގެ 40 ވަރަކަށް މައްސަލަ މިހާތަނަށް ހުށަހެޅި ބެލިފައިވާ ކަމަށާއި، އޭގެ ތެރެއިން 30 މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ގަލޮޅު މަދަރުސާގައި ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅިގެން މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތައް ސާފު ކުރުމަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ކުރެއްވި ސުވާލުގައި މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތަކަކީ މިނިސްޓްރީން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައ ބަލަމުންދާ މައްސަލަތަކެއްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތަކުގައި އެޑިއުކެޝަން ދާއިރާގެ އެއްވެސް މުވައްޒިފަކަށް ތުހުމަތު ކުރެވި، އެކަން ސާބިވުވާ ހިސާބުން އެމީހަކު ވަޒީފާއިން ވަކިކުރާނެކަމަށެވެ. އެގޮތުން މިހާތަނަށް މިނިސްޓްރީއަށް ހުށަހެޅި މިބާވަތުގެ 40 މައްސަލައެއްގައި 30 މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރުވެސް 7 ވަރަކަށް މައްސަލަ ކުރިއަށްދާއިރު މިމައްސަލަތަކުގައި ތުހުމަތު ކުރެވޭ ހުރިހާ މުވައްޒިފުން ތިބީ ސަސްޕެންޑް ކުރެވިފައިކަމަށެވެ.
ގަލޮޅު މަދަރުސާގައި ހިނގި ހާދިސާއަކީވެސް މިނިސްޓްރީއަށް ރިޕޯޓް ކުރި ވަގުތުން ފެށިގެން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދިޔަ މައްސަލައެއްކަމަށާއި، އެވަގުތުން ފެށިގެން ތުހުމަތުކުރެވޭ އެންމެން ސަސްޕެންޑްކޮށް، މިހާރު މިކަމުގައި ޝަމިލުވާ މީހާވެސް ހައްޔަރު ކުރެވިފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 63 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި މީމީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާއިރު އެ ސްކޫލްގެ ހުރިހާ އަންހެން މަސައްކަތު މުވައްޒަފުން ތިބީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ސަސްޕެންޑްކޮށްފައެވެ. މި މައްސަލަ ފެންމަތިވުމުން އެ ސްކޫލުން ބުނީ އެ ކުއްޖާ ފާހާނާއަށް ގެންދަން ހަވާލުކުރީ މަސައްކަތު މީހަކާއި ކަމަށް އެ ކުއްޖާގެ އާންޓީ ބުނާކަމަށެވެ. އެހެންނަމަވެސް އެއީ ކޮން މުވައްޒަފެއްކަން ހަނދާން ނެތްކަމަށް އާންޓީ ބުނާކަމަށްވެސް އެ ސްކޫލުން ވަނީ ބުނެފައެވެ.
މި މައްސަލަ ފެންމަތިވުމުން ގަލޮޅު ސްކޫލުން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން އެ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓީޗަރުންގެ ބެލުމުގެ ދަށުން ދަރިވަރުން ފާހާނާއަށް ފޮނުވަންޖެހޭ ގޮތަށް ހަމަޖައްސާފައިވާކަމަށެވެ. އަދި ސްކޫލްގެ އެކި ސަރަހައްދުގައި 18 ސީސީޓީވީ ކެމެރާ ހަރުކޮށް މޮނީޓަރ ކުރަން ފަށާފައިވާކަމަށެވެ.
ސްކޫލު މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި، ސްކޫލުތަކުގައި އޮފިސަރުން ބޭތިއްބިފައިވާކަމަށެވެ. އަދި ކޮންމެ ސްކޫލެއްގައިވެސް ސީސީޓީވީ ކެމެރާ ހަރުކޮށް މިފަދަ އަމަލުތަކަށް ޖާގަ ނުދެވޭނެ ގޮތަކަށް އިންތިޒާމުތައް ހަރުދަނާ ކުރަމުންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ ތައުލީމު އުގަންނާ ތަންތަނަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުމަށް މިނިސްޓްރީން ކެނޑިނޭޅި މަސައްކަތް ކުރާނެކަމަށެވެ. އެޔަގީންކަން އެންމެހާ ބެލެނެވެރިންނަށްވެސް މިނިސްޓަރ ވަނީ ޔަގީންކަން ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ