އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނާއި ރޯމާ ބައްދަލުކުރި މެޗު މިލާނުން ކާމިޔާބުކޮށް އެއްވަނާގައި އޮތް ނަޕޯލީއާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން މިލާން މޮޅުވީ ރޯމާ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.
އޭސީ މިލާންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި، ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މިލާނުންނެވެ. މި ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ފްރީ ކިކަކުންނެވެ. މި ލަނޑަކީ އިބްރަހިމޮވިޗް މިހާތަނަށް ކުޅުނު ހުރިހާ ލީގެއް ހިމަނައިގެން އޭނާ ކާމިޔާބުކުރި 400 ވަނަ ލަނޑުވެސް މެއެވެ.
އިބްރަހިމޮވިޗްގެ ލަނޑާއެކު 0-1 އިން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލި މިލާނުން ވަނީ ދެވަނަ ހާފް ފަށައިގެން 5 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާ އެ ލަނޑު ބަލައިނުގަންނަން ނިންމާފައެވެ.
މިލާނަށް ލީޑު ފުޅާކޮށްދީފައި ވަނީ 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ފްރޭންކް ކެސިއޭއެވެ. މިލާނަށް މި ޕެނަލްޓީ ލިބިފައި ވަނީ ރޯމާގެ އޭރިއާގެ ތެރެއިން އިބްރަހިމޮވިޗަށް ކުރި ފައުލަކާއި ގުޅިގެންނެވެ. މެޗުގައި ރޯމާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ، އެލް ޝަރާވީއެވެ.
މި ނަތީޖާއާއެކު އެއްވަނާއިގައި 11 މެޗުން 31 ޕޮއިންޓް ހޯދައިގެން ނަޕޯލީ އޮތްއިރު، މިލާނުން ވެސް ވަނީ 11 މެޗުން 31 ޕޮއިންޓް ހޯދާފައެވެ. ނަޕޯލީއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މިލާން އަތުން ބަލިވި ރޯމާ މިވަގުތު އޮތީ ކުޅުނު 11 މެޗުން ލިބުނު 19 ޕޮއިންޓާއިއެކު ތާވަލުގެ ހަތަރު ވަނާގައެވެ.