ބަޖެޓް 2022| 200 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބޮންޑު ބޭރުގެ މާލީ ބާޒާރުގައި އަންނަ އަހަރު ވިއްކަން ބަޖެޓުގައި ހިމަނާއިފި

ބަޖެޓް 2022| 200 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބޮންޑު ބޭރުގެ މާލީ ބާޒާރުގައި އަންނަ އަހަރު ވިއްކަން ބަޖެޓުގައި ހިމަނާއިފި

Author
ހުސެއިން
31 އޮކްޓޯބަރ 2021 11:14
0

2022 އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓަށް އަންނަ އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރާ ފައިނޭންސްގެ ތެރޭގައި، ރާއްޖެއިން ބޭރުގައި 200 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބޮންޑު ވިއްކައިގެން ލިބޭނެ ކަމަށް އަންދާޒާ ކުރާ އާމްދަނީވެސް ހިމަނާފައިވާނެ ކަމުގައި ފިނޭންމިނިސްޓަރ އިބުރާހިމް އަމީރު ވިދާޅު ވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅު ވެފައިވަނީ، 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅު ހއްވަމުންނެވެ.

މިގޮތުން، 2022 އަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރ ވިދާޅުވެފަވަނީ، ބޭރުގެ މާލީ ބާޒާރުގައި ވިއްކުމަށް ހަމަޖެހިފައިވާ 200 މިލިއަން ޑޮލަރުގެ އިތުރުން، 50 މިލިއަން އެމެރިކާ ޑޮލަރު އިނޮވެޓިވް ފައިނޭންސިންގ އިންސްޓްރޫމަންޓެއް މެދުވެރިކޮށް ހޯދުމަށްވެސް ހަމަ ޖެހިފައިވާ ކަމުގައެވެ.

މިގޮތުން ސަރުކާރުން ވިސްނަވާ އޮޕްޝަން ތަކުގެ ގޮތުގައި ފިނޭންސް މިނިސްޓަރު ފާހަގަ ކުރައްވާފައިވަނީ، ބްލޫ، ގްރީން، ނުވަތަ ސޯޝަލް އިމްޕެކްޓް ބޮންޑެއް ވިއްކައިގެން ބަޖެޓް މެނޭޖް ކުރުމަށް ފައިސާ ހޯދުމެވެ. އަދި މިގޮތުން ބޭރުގެ މާލީ ބާޒާރުގައި ބޮންޑު ވިއްކުމުން، ބައިނަލް އަގުވާމީ މާލީ ބާޒާރުގައި ހަލުވިކޮށް ފުޅާވަމުންދާ އީއެސްޖީ އިންވެސްޓަރުން މެދުވެރިކޮށް ފައިނޭންސިންގ ހޯދުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

އަދި މީގެ އިތުރުންވެސް ބަޖެޓު ސަޕޯޓުގެ ގޮތުގައި 50 މިލިއަން އެމެރިކާ ޑޮލަރު 2022 ވަނަ އަހަރު ހޯދުމަށްވެސް ރޭވިފައިވާ ކަމަށްވެސް މަޖިލީަހށް 2022 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރު ދުނިޔޭގެ މާލީބާޒާރުގައި 200 މިލިއަން ޑޮލަރުގެ ބޮންޑް ވިއްކައިގެން ފައިނޭންސް ހޯދުމަށް ސަރުކާރުން ބަޖެޓުގައި ހިމަނާގައި ވާއިރު، 2022 އަށް ލަފާ ކޮށްފައިވާ ބެޖެޓަކީ 9.7 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެއް ކަމުގައިވެސް ފިނޭންސް މިނިސްޓަރ އިބުރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.

މިއީ، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 11.1 އިންސައްތަ އެވެ.

މިގޮތުން ބެޖެޓްގެ ޑެފިސިޓް ފައިނޭންސް ކުރުމަށް ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހޭއިރު، މީގެ ތެރެއިން އެންމެ ބޮޑު އަދެއްގެ ގޮތުގައި ހިމެނެނީ ބެޖެޓްގެ ދަރަނި ފޫބެއްދުމަށް ހޯދަންޖެހޭ 9.7 ބިލިއަން ރުފިޔާއެވެ.

މީގެ އިތުރުންވެސް، މި އަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނި 94 ބިލިއަށް އަރާނެ ކަމުގައިވެސް މިއަދު މަޖިލީަހށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 122 އިންސައްތައެވެ.

ދައުލަތުގެ ދަރަނި އަހަރުން އަހަރަށް ބޮޑުވެ، އަދި ބަޖެޓް ޑެފިސިޓްވެސް އަހަރުން އަހަރަށް މަތިވަމުން ދާއިރު، ކޮންމެ އަހަރެއްގެ ބަޖެޓްގައިވެސް، އާމްދަނީ ހޯދޭނެ އާވަސީލަތްތައް ތައާރަފް ނުކޮށް، ބަޖެޓް ޑެފިސިޓް މެނޭޖުކުރުމަށް، މާލީ ބާރުގައި ބޮންޑު ވިއްކައިގެން ކުރު މުއްދަތު ލޯނުތަކުގެ މައްޗަށް މުޅި މާލީ ސިޔާސަތު ބައްޓަން ވެގެން ދާކަމުގެ ކަންބޮޑުވުންވެސް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީަހަށް ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރު މިއަދު ވިދާޅުވެފައިވަނީ، ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް މިއަހަރުގެ ބަޖެޓުގައިވެސް ހިމަނާފައި ހުރި ގިނަ ސިޔާސަތު ތަކަކީ، މިހިނގާ 2021 ވަނަ އަހަރުގެ ބަޖެޓުގައިވެސް ހިމެނުނު، ނަމަވެސް އެކިއެކި ގޮންޖެހުންތަކާހުރެ، ތަންފީޒުކުރުން ނުކުރެވިވާ ކަންކަން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.