ރާއްޖޭގެ ތަޢުލިމީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އިބްރާހިމް ވަހީދު (އޮގަރު ވަހީދު) މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ގުޅި ވަޑައިގެންފިއެވެ.
ވަހީދު އެމްއެންޕީއާއި ގުޅިވަޑައި ގަތުމުން އޭނާއަށް އެމްއެންޕީން ވަނީ ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާފައެވެ. އޭނާގެ ފޯމާއި ހަވާލުވީ އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް އެވެ.
ވަހީދުވަނީ މިސަރުކާރު ވެރިކަމާިއ ހަވާލުވުމާއި ކައިރީގައި ސަރުކާރުގެ ބޯޑަކަށް ނަމަވެސް ލައްވައި ދެއްވުމަށް ދަންނަވާފައެވެ. އެންމެ ބޮޑު ބޭނުމަކީ ލިބިވަޑައިގެން ހުންނެވި ތައުލީމާއި، ތަޖުރިބާގެ ބޭނުން ކޮންމެވެސް ގޮތަކުން ހިއްސާ ކުރެއްވުންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން މިކަމަށް މާބޮޑު އިޖާބައެއް ދެއްވާފައި ނުވެއެވެ.
އޮގަރު ވަހީދު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވިއެވެ. އެފަހަރު އޭނާ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވީ އޭނާ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރައްވަން މަޖިލީހުން ރުހުން ދެއްވިތާ ހަތަރު މަސް ވީފަހުންނެވެ.
އޮގަރު ވަހީދު އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަން އަދާކުރެއްވީ 2009 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 2013 ވަނަ އަހަރުގެ އޮކްޓޯބަރ މަހާއި ހަމައަށެވެ. އޭނާ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވީ އަމިއްލަފުޅަށެވެ. އޮގަރު ވަހީދު ވަނީ ތިރީހަކަށް އަހަރު ދައުލަތުގެ އެކި މަގާމުތައް އަދާކުރައްވާފައެވެ. އޭގެ އިތުރުން އަމިއްލަ ގޮތުން ތައުލީމީ ދާއިރާ އަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ