ޖިންސީ ގޯނާ ކުރި ބޮޑުބޭބެ 20 އަހަރަށް ޖަލަށް

ޖިންސީ ގޯނާ ކުރި ބޮޑުބޭބެ 20 އަހަރަށް ޖަލަށް

Author
މުޙައްމަދު ޝަޒައިމް
28 އޮކްޓޯބަރ 2021 09:12
0

ހަތަރު އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި ބޮޑު ބޭބެ 20 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށްވެރިވެގެން މިއަދު ޖަލަށް ލުމަށް ހައިކޯޓުން ހުކުމްކޮށްފައިވަނީ ދަފްތަރު ނަންބަރު ދރ. 1816, ހަސަން ރަޝީދުއެވެ.

މި މައްސަލައަކީ 2015 ވަނަ އަހަރު ހުށަހެޅި މައްސަލައެކެވެ. ދައުލަތުން ބުނެފައި ވަނީ މޭ 25، 2015 ގެ ކުރިން އެކި ދުވަސް މަތިން ދަފްތަރު ނަންބަރު 1816، ހަސަން ރަޝީދު އޭނާގެ އެއްބަނޑު ކޮއްކޮގެ ހަތަރު އަހަރުގެ ދަރިފުޅަށް ޖިންސީ އަނިޔާކޮށްފައިވާ ކަމަށެވެ. އެގޮތުން ދައުލަތުން އޭނާގެ މައްޗަށް އުފުލާފައި ވަނީ އާއިލާގެ މެމްބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި އެކުއްޖާއާ މެދު ކަންހިނގާފައިވާ ގޮތް އެ ކުއްޖާގެ ދުލުން ކިޔައިދީފައިވާ މީހުންގެ ހެކިބަހާއި އަދި ކުއްޖާގެ މެޑީކޯ ލީގަލް ރިޕޯޓާއި ސައިކޮލޮޖީ ރިޕޯޓު ހިމެނެއެވެ. ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް އެ މައްސަލަ ހަސަން ރަޝީދުގެ މައްޗަށް ސާބިތުވާ ކަމަށް ދައުލަތުން ބުނެއެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން މައްސަލަ ނިންމަމުން ގާޒީ ވިދާޅުވެފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާ ދަށުން ކުށް ސާބިތުކުރަން ފަސް ބާވަތެއްގެ ހެކި ހުށަހަޅަން ޖެހޭ ކަމަށެވެ.

ފަސް ވަރަކަށް އަހަރު ފަހުން އެ މައްސަލައިގައި މިއަދު ހައިކޯޓުން ހުކުމްކޮށްފައިވަނީ, ހަސަން ރަޝީދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެގޮތަށް ހުކުމް ކޮށްފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާއެވެ. އޭނޭ ނެރުއްވެވި ރައުޔަށް ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އާއި ފަނޑިޔާރު މުހައްމަދު ފައިސަލް ވަނީ ތާއިދުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީީ ރިޞ
ބޮޑުބޭބެގެ ފޮޓޯވެސްް ޖަހާލިނަމަަ ނޫހުގަ