ތިން މެމްބަރުންނާއިއެކު އެމްއެންޕީ މަޖިލީހުގެ ދަފްތަރުގައި ހިމަނައިފި

ތިން މެމްބަރުންނާއިއެކު އެމްއެންޕީ މަޖިލީހުގެ ދަފްތަރުގައި ހިމަނައިފި

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2021 09:33
0

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނުމައި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވަނީ މިދިޔަ މަހު 15 ވަނަ ދުވަހު 5،000 ވުރެ ގިނަ މެންބަރުންގެ ފޯމާ އެކުއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ އިދާރާއަށް އެމްއެންޕީން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުން މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެޕާޓީ ރަޖިސްޓްރީ ކުރައްވަފައިވާކަމަށެވެ.

އެމްއެންޕީ މަޖިލީހުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރައްވާފައިވަނީ މަޖިލީހުގެ ތިން މެމްބަރަކާއި އެކުގައެވެ. އެމެމްބަރުންނަކީ އެމްއެންޕީގެ ރައީސް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ. މިބަދަލާއިއެކު މަޖިލީހުގައި މެމްބަރުން ހިމެނޭ ޕާޓީތަކުގެ ދަތްފަރަށްވެސް ވަނީ ބަދަލުތަކެއް އައިސްފައިއެވެ.

މަޖިލީހުގެ މެމްބަރުންގެ ދަފްތަރު:
– އެމްޑީޕީ – 65 މެމްބަރުން
– ޕީޕީއެމް – 6 މެމްބަރުން
– ޖުމްހޫރީ ޕާޓީ – 3 މެމްބަރުން
– ޕީއެންސީ – 3 މެމްބަރުން
– އެމްއެންޕީ – 3 މެމްބަރުން
– އެމްޑީއޭ – 2 މެމްބަރުން
– މިނިވަން – 5 މެމްބަރުން

މަޖިލިސް ރައީސް ވިދާޅުވީ މިބަދަލާއިއެކު މަޖިލީހުގެ ކޮމެޓީތަކަށްވެސް ބަދަލުތަކެއް އަންނާނެ ކަމުގައެވެ. އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި މިވަގުތު 11 ސިޔާސީ ޕާޓީއެއް އެކުލެވެއެވެ. މީގެ ތެރެއިން މަޖިލީހުގައި ތަމްސީލް ކުރަމުންދަނީ 6 ސިޔާސީ ޕާޓީތަކުގެ މެމްބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.