ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށާއި، ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އެމްޑީޕީންހ ހުށަހެޅި ހުށަހެޅުމާއިމެދު އެމްއެންޕީން ގޮތް ނިންމާނީ ރައްޔިތުންގެ މަޝްވަރާގެ މަތީން ރައްޔިތުން ބޭނުންވާ ގޮތަކަށް ކަމުގައި އެމްއެންޕީން ބުނެފިއެވެ.
މިއަދު އެމްޑީޕީއާއިއެކު މަޖިލިސް އިދާރާގައި ބޭއްވި ބައްދަލުވުމަށްފަހު އެމްއެންޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ގެންނަންޖެހޭ މުހިންމު އިސްލާހުތަކާ ގުޅޭގޮތުންވެސް ވާހަކަ ދެކެވުނުކަމަށެވެ. އެގޮތުން، ރައްޔިތުންގެ މެދުގައި ޖުޑީޝަރީއާމެދު އިތުބާރު އިތުރުކުރުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާއި، ވެރިކަން ކުރުމުގެ ނިޒާމްގައި ހުރި ދަތިތަކަށް ޙައްލެއް ހޯދުމަށްޓަކައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ ގުޅޭގޮތުންފަދަ މުހިންމު ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވުުކަމަށެވެ.
މިކަންކަން ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މި ޕާޓީގެ އެހީތެރިކަމަށް އެމްޑީޕީގެ ފަރާތުން އެދިފައިވޭ.
– އެމްއެންޕީން ބުނެފައިވެއެވެ.
ގައުމުގެ މުސްތަގްބަލާ ގުޅޭ މިފަދަ މުހިންމު ނިންމުންތައް ނިންމުމުގެ ކުރިން މިކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެމްއެންޕީން ވަނީ ބުނެފައެވެ. އެހެންކަމުން، މި ކަންކަމާ ގުޅޭގޮތުން އެޕާޓީން ގޮތެއް ނިންމާނީ، ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގައި މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ޕާޓީގެ އާންމު މެންބަރުންނާއި ދިވެހި ރައްޔިތުން މިކަންކަމާ ގުޅޭގޮތުން ދެކޭގޮތް ސާފުކުރުމަށްފަހުއިކަމަށް ވަނީ ބުނެފައެވެ.
ރައީސް ނަޝީދި ގެންދަވަނީ ނިޒާމު ބަދަލު ކުރުމަށް ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިއްޔެ ވަނީ ޕީޕީއެމްްއާއި، ޖުމްހޫރީ ޕާޓީއާއިވެސް މަޝްވަރާ ކުރައްވާފައެވެ. ޕީޕީއެމްއިން ބުނެފައިވަނީ މަޝްވަރާއަށް ދާނީ ރައީސް ޔާމީން މިނިވަންކޮށް، ރައީސް ޔާމީނާއި އެކުގައިކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރާއިއެކު ކުރެވުނު މަޝްވަރާގެ އެއްވެސް ވާހަކައެއް ސާފެއް ނުވެއެވެ. އެވާހަކަތައް އޮތީ އަދި ސިއްރެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ