ރާއްޖެއިން އިތުރު 149 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ފަހުން ޕޮޒިޓިވްވި މީހުންގެ ތެރެއިންވެސް ގިނައީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 149 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 39 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 85 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 25 މީހަކުވެސް ހިމެނެއެވެ.
އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 87،071 އަށް އަރާފައެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ފަރުވާ ހޯދާ މީހުންގެ އަދަދު މިހާރުވަނީ 1550 އަށް އިތުރުވެފައެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 22 މީހަކަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 123 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 85،268 އަށް އަރާފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،357 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 240 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.