އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ފިނޭންސް މިނިސްޓަރ އިބްރާހިމް މަޖިލީހަށް ހުށަހެޅުމަށް ތާވަލް ކޮށްފައިވަނީ އަންނަ ހޯދަ ދުވަހުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދު ޖަލްސާ ފައްޓަވައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ ބަޖެޓް މަޖިލީހުގެ އިދާރާއަށް ލިބިފައިވާކަމަށެވެ. އަދި ބަޖެޓް މަޖިލީހުގެ އިދާރާގެ ސައިގެ ކަންކަން ހަމަޖައްސަވަ ބޭފުޅުންނާއި، ގަސް ހައްދާ ބޭފުޅުންނަށްވެސް ފެނިވަޑައި ގަންނަވާނެކަމަށެވެެ. ނަމަވެސް މަޖިލީހުގެ މެމްބަރުންނަށް ބަޖެޓް ފެންނަނީ ތަޅުމުގައި ވަޒީރު ބަޖެޓް ހުށަހެޅުމަށްފަހުގައިކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ބަޖެޓް ހުށަހެޅުމަށްފަހު 5 ދުވަހުގެ މުއްދަތެއް ބަޖެޓާއިމެދު މެމްބަރުން ދިރާސާކުރެއްވުމަށްފަހު ބަޖެޓް ބަހުސް މަރުހަލާ މިމަހުގެ 16 ވަނަ ދުވަހު ފައްޓަވާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި އަމާޒަކީ އަންނަ މަހުގެ ކުރީ ކޮޅު މަޖިލީހުން ބަޖެޓް ފާސްކުރުންކަމަށެވެ.
މި އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން ފާސްކޮށްފައި ވަނީ 37.8 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގައި އަހަރު އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އެވެ. ނަމަވެސް ކޮވިޑް-19 އަށް ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައި 15 ގައި އިގްތިސޯދު ހުޅުވާލަން ހެދި ސިނާރިއޯ ސާވޭގައިވާ ގޮތުން މި އަހަރު ޓެކުހުގެ ގޮތުގައި ލިބޭނީ 9.5 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ބަޖެޓުގެ 6.1 ޕަސެންޓް ޑެފިސިޓް ވާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިހާރު އަންދާޒާ ކުރެވޭ ގޮތުގައި މި އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ 7.13 ޕަސެންޓާއި 9.22 ޕަސެންޓާ ދެމެދުގަ އެވެ.
ބަޖެޓްގެ ދަރަނި ކުޑަކުރުމަށްޓަކައި 300 މިލިއަން ޑޮލަރުގެ ސްކޫކް ވިއްކުމަށްވެސް ސަރުކާރުވަނީ ނިންމާފައެވެ. ކޯވިޑް-19އާ ގުޅިގެން ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށް އެމްއެމްއޭއިން 4.4 ބިލިއަން ރުފިޔާގެ ދަރަންޏެއް ނެގުމުގެ ހުއްދަ ފިނޭންސް މިނިސްޓަރަށް ދެއްވަން ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ