ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމުގެ ވެރިކަމަށްފަހު ރާއްޖޭގެ ޚާރިޖީ ކަންކަން ވަނީ ބަރަށް ބޮޑަށް ބޮއްސުން ލާފައިކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އަވަސް އިން ގެނެސްދޭ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ކަންކަން ރައީސް ނަޝީދުގެ ވެރިކަން ފެށުނު ފަނުން މިވީ 15 އަހަރުގެ ތެރޭގައި އޮތީ ވަރަށް ބޮޑަށް އިންޑިއާގެ އުނގުގައިކަމަށެވެ. އުމަރު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ފެށުނު ހިސާބުން ރާއްޖޭގައި ޒަމާނުއްސުރެއް އޮތް ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑު ބަދަލުތަކެއް އައިސް، ވަކި ގައުމަކަށް އެކަނި ބަރޯސާ ވަމުން ދިޔަކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ އޮތް ޚާރިޖީ ހަމަހަމަ ގުޅުން އެއްފަރާތްކޮށް، އިންޑިއާ ވަރަށް ބޮޑަށް ގާތްކޮށް، އިންޑިއާއާއިކު ކުރިއަށް ދިއުމަށް އެކި އެއްބަސްވުން ހަދަމުން ދިޔަކަމަށެވެ. މީގެ ނަތީޖާއަކަށް ވެގެންދިޔައީ އެތައް ބަޔަކު ސަރުކާރާއި ދެކޮޅުވެ ރައީސް ނަޝީދުގެ ވެރިކަން ނިމިދިއުންކަމަށެެ. އުމަރު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ނާސިރުގެ ވެރިކަމުގައިވެސް އަމީނުގެ ވެރިކަމުގައިވެސް ރާއްޖެއިން ގެންގުޅެފައިވަނީ، ވަރަށް ހަމަހަމަ ސިޔާސަތެއް ކަމަށެވެ.
މިއަދު ރާއްޖޭގައި ހެދިފައިވާ އަޑި ނޭގޭ އެއްބަސްވުންތަކާއި، އިންޑީއާގެ އެތައް ބައިވަރު ސިފައިން ރާއްޖޭގެ ފަސްގަނޑުގައި ހަތިޔާރާއިއެކު ތިބިކަމީ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމެއްކަމަށް އުމަރު ވިދާޅުވިއެވެ. މިއީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް އޮތް ނުރައްކަލަކަށް ވާއިރު މިކަން ނިމެންޖެހޭކަމަށް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަންކަން ކުރަމުންދަނީ ވަކި ބައެއްގެ އަމިއްލަ މަންފާއަކަށް ކަމަށާއި، މިއީ ޤައުމަށް ފައިދާވާނެ ގޮތެއް ނޫންކަމަށެވެ.
އުމަރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާގޮތަށް މިވީ 15 އަހަރު ކަންކަން ވަމުންދަނީ ގެންގުޅެމުންދާ ޚާރިޖީ ސިޔާސަތެއްގެ ސަބަބުންކަމަށެވެ. އިންދިއާގެ އުގަށް ވެއްޓި ވެރިކަން ކުރަން އުޅުމަކީ އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށް އުމަރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ