އިދިކޮޅުން މާދަމާ މިނިވަންކަމުގެ ހިނގާލުމެއް ބާއްވަނީ

އިދިކޮޅުން މާދަމާ މިނިވަންކަމުގެ ހިނގާލުމެއް ބާއްވަނީ

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2021 09:43
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާދަމާ ހަވީރު މާލޭގައި މިނިވަން ކަމުގެ ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

މާދަމާ ހަވީރު 16:00 ގައި ޕީޕީއެމް އޮފީސް ދޮރުމަތިން ފެށުމަށް ހަމަޖެހިފައިވާ މި ހިނގާލުމުގައި އެކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، އާންމު މެމްބަރުންގެ އިތުރުން ހުރިހާ ސިޔާސީ ފިކުރެއްގެ މީހުންނަށްވެސް ވަނީ ދައުވަތު އަރުވާފައެވެ.

ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މި ސުލްހަވެރި ހިނގާލުމަކީ ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅަށް ބޭއްވޭ މުހިންމު ހިނގާލުމެއްކަމަށެވެ. މިސަރުކާރުން ވެރިކަމާއި ހަވަލުވިފަހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ބުރޫއަރާފަދަ އެތައްކަމެއް ކޮށްފައިވާއިރު، މިކަންކަމުން އަރައި ގަތުމަށް ދިވެހި ރައްޔިތުން ނިކުތުމަކީ މިއަދު ކޮންމެހެން ކުރަންވެއްޖެ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިނިވަން ޖައްވަކަށް ނޭވާ ނުލެވޭ ހިސާބަކަށް މިވެރިކަން އައިފަހުން ވަނީ ކަންކަން ގޮސްފަ. މިއަދު އަނެއްކާވެސް މިފެންނަނީ ދިވެހި ރައްޔިތުންގެ މައި ދޮރޯށި ހޯދުމަށް ދިވެހިން ކުރި މަސައްކަތް އަލުން ކުރަންޖެހިފައިވާ ތަން. މިއަދު އަނެއްކާވެސް ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ މަސައްކަތް ކުރާކަމުގެ އަޑުތައް އިވެމުންދަނީ. މިސަބަބުތަކަށްޓަކައި ދިވެހިން ދިވެހިންގެ މިނިވަންކަމުގެ ދިފާއުގައި ނިކުންނަންވީ.

– ޝިޔާމް ވިދާޅުވިއެވެ.

ހިނގާލުން ބާއްވާނީ ފުލުހުންނާއި ކަމާއި ގުޅުންހުރި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ކަމަށާއި، މިއީ ސުލްހަވެރިކަމާއިއކު ބޭއްވޭ ހިނގާލުމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. އިދިކޮޅު ކޯލިޝަނުން ގެންދަނީ ސަރުކާރުން ހިންގާ ތަފާތުއެކިއެކި ކަންކަމާއި ގުޅިގެން އެކަންކަން ރައްޔިތުންނަށް ސާފު ކޮށްދިނުމަށް އިވެންޓުތައް ބާއްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.