ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އަހަރުގެ މާރިޗު މަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ކުރިން އިޢުލާންކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އެއް އަހަރު ދުވަހަށް ފަސްކުރީ ކޯވިޑް-19އާއި ގުޅިގެން އިޢުލާންކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެންނެވެ. މިއާއެކު އިންތިޚަބު ފަސްކުރުމަށް ވަގުތީ ޤާނޫނެއްވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވިއެވެ. އެޤާނޫނު ރަސްދީޤްކުރާތާ 1 އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ލާޒިމްކުރެއެވެ. އެހެންކަމުން އެބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރެއްވި ތާރީޚުން ބަލާނަމަ އަންނަ އަހަރުގެ މެއި މަހުގެ 10 ގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެއެވެ.
މިރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުވާދު ތަޢުފީޤް ވިދާޅުވީ، އަންނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި ދެ އިންތިޚާބު ބާއްވަން އެކޮމިޝަނުން ތައްޔާރުވަމުން އަންނަކަމަށެވެ. މިއީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ބާރުވެރިކޮށް ކައުންސިލްތަކުގެ އިޚްތިޞާސް ކަނޑައެޅިފަހުން ބާއްވާ ފުރަތަމަ އިންތިޚާބެވެ. އަދި އަލަށް އިންތިޚާބުކުރާ ކައުންސިލަރުން އިންތިޚާބުކުރަންޖެހޭނީ ފަސް އަހަރު ދުވަހުގެ މައްދަތަކަށެވެ. ފުވާދު ތަޢުފީޤް ވިދާޅުވީ، މިހާރު ކުރަމުން އަންނަނީ އިންތިޚާބު ބޭއްވުމަށް އިދާރީ ގޮތުން ވާންޖެހޭ ތައްޔާރީތައްކަމަށެވެ.
ކުރިން އޭޕްރީލް މަހު ބޭއްވުމަށް ކަނޑައެޅި އިންތޚާބު ކޯވިޑްގެ ޙަލަތުގެ ސަބަބުން ލަސްކުރީ، ލަސްކޮށްފައި މިހާރު އަޅުގަނޑުމެން މިއުންމީދުކުރަނީ އަންނަ އަހަރުގެ މާރޗުމަހު އިންތިޚާބު ބޭއްވޭނެކަމަށް.
-އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުވާދު ތަޢުފީޤް
ފުވާދުގެ ވާހަކަފުޅުގައި ވަނީ ކޯވިޑް-19އާއި ގުޅިގެން އިންތިޚާބަށް ބަދަލުތަކެއް އަންނާނެކަމަށެވެ. އެގޮތުން ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަށަވަރުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންތިޚާބަށް ކެމްޕެއިން ކުރަން ބޭނުންވާ ކެނޑިޑޭޓުންނަށް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އެފުރުޞަތު ދެއްވާނެކަަށްވެސް ފުވާދު ވިދާޅުވިއެވެ.
ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ މާރޗްމަހުގެ ކުރީކޮޅު ބޭއްވުމަށް މަޝްވަރާކުރައްވަމުން ގެންދަވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފްވެސް ކުރިން ވިދާޅުވެފައިވެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަންޖެހުމުން 3 އަހަރު ދުވަހުގެ މުއްދަތަކަށް އިންތިޚާބުކޮށްފައިވާ ކައުންސިލް މެންބަރުންގެ ދައުރު ވަނީ އިންތިޚާބު ބޭއްވެންދެން އިތުރުކޮށްފައވެ. މިގޮތަށް އިތުރުކުރީ އިންތިޚާބުތަކާއި ބެހޭ ވަގުތީ ޤާނޫނުންނެވެ. އިންތިޚާބާގުޅޭ ކަންކަން ކުރިއަށްގެންދިޔުން އެންމެ ރަނގަޅު ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައަޅާތާ ހަތް ދުވަހުގެ ތެރޭގައި، އިންތިޚާބާގުޅޭ މަސައްކަތްތައް ރަސްމީކޮށް ފަށާނެ ތާރީޚަކާއި، އިންތިޚާބު އަލުން ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރަންވާނެކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓަށް ބަދަލެއް ނުގެނެވޭނެކަމަށާއި އިންތިޚާބުގައި ވާދަކުރާ ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމާއިއެކު އެމީހުން ކުރިން ތިބި މަޤާމަށް ރުޖޫއަވާނެކަމަށްވެސް މި ޤާނޫނުގައިވެއެވެ.
ކޮމެންޓު ފޮނުވާ