ކޯވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް 601 މީހަކު ޖަހައިފި

ކޯވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް 601 މީހަކު ޖަހައިފި

ކޯވިޑް ވެކްސިންގެ 2 ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލިޖެހުން ނުރައްކާ ބޮޑު މީހުންގެ ތެރެއިން ބޫސްޓަރ ޑޯޒް 601 މީހަކު ޖަހާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީްނ ބޭއްވި ޕްރެސްކޮންފަރެންސުގައި ޑރ.އަފްޒަލް ވިދާޅުވީ މިހާނަށް ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 601 މީހުންކަމަށެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފައިވަނީ ކޯވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތް ދޭ މީހުންނަށް ތިން ވަނަ ޑޯޒެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒާރީ ގްރޫޕް އޮން އިމުނައިޒޭޝަނުން ލަފާ ދީފައިވާކަމަށެވެ. އަދި މި ލަފާ ދީފައި ވަނީ މިކަމާ ބެހޭގޮތުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކަށް ބެލުމަށް ފަހުގައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ބޫސްޓަރ ޑޯޒް ޖެހުމުގައި އުމުރުން 60 އަހަރު މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް އިސްކަންދޭނެކަމަށެވެ. އަދި މި ވަގުތު ވެކްސިންގެ ބޫސްޓާ ޑޯޒެއްގެ ގޮތުގައި ޖެހުމަށް ހަމަޖައްސާފައިވަނީ ފައިޒާ ވެކްސިން އެކަނިކަމަށާއި މި ޑޯޒް ދޭން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ބޫސްޓާ ޑޯޒެއް ޖަހައިދޭނީ ކޯވިޑްގެ އެއްވެސް ވެކްސިނެއްގެ ދެ ވަނަ ޑޯޒް ޖެހިފަހުން، ހަ މަސް ދުވަސް ވެފައިވާ މީހުންނަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ބޫސްޓަރ ޑޯޒް ޖެހުމަށް ހަމަޖެހިފައިވާ ފަރާތްތައް:

  • ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
  • ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން
  • ދިގު މުއްދަތަކަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް1 މަހުގެ މުއްދަތަށްވުރެ އިތުރަށް ބޭނުންކުރުން)
  • ގަވާއިދުން ޑަޔަލިސިސް ހަދާ މީހުން
  • ކެންސަރަށް ފަރުވާ ކުރާ މީހުންނާއި ފަރުވާ އަށް ފަހު އެއް އަހަރު ނުވާ މީހުން
  • އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުން
  • އޮކްސިޖަން ތެރެޕީ ނަގާ މީހުން
  • ފުއްޕާމޭގެ އެކި ބަލިތަކަށް ފަރުވާ ކުރާ މީހުން
  • ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން
  • ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުން
  • ބަލީގެ ސަބަބުން އެނދުމަތިކޮށްފައިވާ މީހުން

އެޗްޕީއޭއިން ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލް ފިޔަވާ އެހެން ހުރިހާ ހޮސްޕިޓަލަކުން ހެނދުނު 9:00 އިން 14:00 އަށް ވެކްސިން ޖަހާދޭނެކަމަށެވެ. އަދި ވިލިމާލެ ހޮސްޕިޓަލުން ހެނދުނު 10:00 އިން 12:00 އަށް ވެކްސިން ޖަހާ ދިނުމަށް ހަމަޖެހިފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން book.hpa.gov.mv އިން އެޕޮއިންޓްމަން ހެއްދޭނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *