ރައީސް އޮފީހުގެ ވެބްސައުޓުގައި ހިމަނާފައިވާ ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރެއިން މިނިސްޓްރީ އޮފް ހޯމް އެފެއާޒް ނަގައިފިއެވެ.
ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތައް އެކުލެވޭ ގޮތުގެ މެންޑޭޓް ރައީސް އޮފީހުން ފެންނަ ގޮތަށް ހުރެއެވެ. ނަމަވެސް މިމަހުގެ 14 ވަނަ ދުވަހު ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުން ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރުމުން ކުއްލިއަކަށް ރައީސް އޮފީސް ވެބްސައިޓުން ހޯމް މިނިސްޓްރީ ވަނީ ނަގާފައެވެ. މިހާރު ހޯމް މިނިސްޓްރީގެ ޒިންމާއަކީވެސް އަދި މަސައްކަތަކީވެސް ކޮބައިކަމެއް ނޭގެއެވެ.

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުން ވަކިކޮށް، ރައީސް އޮފީހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މިދިޔަ އަންގާރަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" އަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ކަނޑައަޅައިފައެއް ނުވެ އެވެ. އެހެންވެ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ހިނގަމުން ދާ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ސިޓީގައި ވެއެވެ.
ފުލުހުންގެ ގާނޫނަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެންމެ ބޮޑަށް ހިމެނޭ އެއް ކަމަކީ ވެސް އެތަން މިނިވަންކޮށް ހިނގާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމެވެ. އާ ގާނޫނުގެ ދަށުން ފުލުހުންގެ އިދާރާ ހިންގުމަށް ބޯޑެއް އެކުލަވާލައިފައިވާ އިރު، ފުލުހުންގެ ހިދުމަތްތަކަށް ވެސް ވަނީ ބަދަލުތަކެއް ގެންނަން ފަށައިފައެވެ.
އެކަމަކު ގާނޫނުއަސާސީގެ 242 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ސަލާމަތީ ކޮންމެ ހިދުމަތެއް ހިންގަން ވާނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ބެލުމުގެ ދަށުންނެވެ. އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާން ވާނެ ކަމަށް ވެސް ގާނޫނުއަސާސީގައި ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ